ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، އިސްރާއީލާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވިސްނާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އިނގިރޭސިވިލާތުގެ ކެމްޕޭން ގްރޫޕެއް ކަމަށްވާ "ގްލޯބަލް ޖަސްޓިސް ނައު" އިން 'މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު' (ފްރީޑަމް އޮފް އިންފޮމޭޝަން) ގެ ދަށުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މިގޮތުން، އިނގިރޭސިވިލާތުގެ 'ޑިޕާޓްމަންޓް ފޯ ބިޒްނަސް އެންޑް ޓްރޭޑުން' ވަނީ މި އެއްބަސްވުން މެދުކަނޑާލައިފިނަމަ އިޤްތިޞާދަށާއި އިޖުތިމާޢީ ގޮތުން ކުރާނެ އަސަރުތައް ބެލުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ޚާއްޞަ އެސެސްމެންޓެއް ހަދާފައެވެ.
އިނގިރޭސިވިލާތާއި އިސްރާއީލާ ދެމެދު އޮންނަ "ޔޫކޭ-އިސްރާއީލް ޓްރޭޑް ޕާޓްނަރޝިޕް އެގްރީމަންޓް" އަކީ ބްރެގްޒިޓަށްފަހު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ގިނަ މުދާ ޓެކުހާ ނުލައި ޚާއްޞަ ޢިނާޔަތްތަކާއެކު އިނގިރޭސިވިލާތަށް އެތެރެކުރުމުގެ ފުރުޞަތު ލިބެއެވެ.
މި އެއްބަސްވުން މެދުކަނޑާލުމަށް ސަރުކާރުގެ ތެރޭގައި މަޝްވަރާކުރެވުނު ނަމަވެސް، އަދިވެސް މި އެއްބަސްވުމަށް އަންނަނީ ޢަމަލުކުރަމުންނެވެ. އެއްބަސްވުން މެދުކަނޑާލާފައި ނުވަނީ ކީއްވެގެންކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ކުރީގެ ވިޔަފާރިއާބެހޭ ވަޒީރު ކްރިސް ބްރަޔަންޓް ވިދާޅުވެފައިވަނީ، އިސްރާއީލަށް ކުރާ އެކްސްޕޯޓްތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ އެތައް ހާސް ވަޒީފާއެއް ހިމާޔަތްކުރެވޭ ކަމަށާއި، އެއްބަސްވުން މެދުކަނޑާލައިފިނަމަ އިނގިރޭސި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
އެހެންނަމަވެސް، އިސްރާއީލުގެ ބައެއް ވަޒީރުން ޣައްޒާ މުޅިން ހަލާކުކޮށްލުމަށް ގޮވާލައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތުން ވަނީ އިސްރާއީލާއެކު ހަދަން އުޅުނު އާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލާފައެވެ. އޭރުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވަނީ އިސްރާއީލުގެ ދިފާޢީ ވަޒީރުގެ މި ބަސްމަގަކީ "ބިރުވެރި" އަދި "ޤަބޫލު ނުކުރެވޭނެ" ވާހަކަތަކެއްކަމަށް ސިފަކުރައްވާފައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާ ގުޅިގެން، ވަގުތުން ވަގުތަށް މި ވިޔަފާރީގެ އެއްބަސްވުން ބާޠިލުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލަމުންނެވެ. ޚާއްޞަކޮށް ވިޔަފާރީގެ އެއްބަސްވުމުގައި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ލާޒިމުކަމެއްކަމަށް ބަޔާންކޮށްފައި އޮތުމާއެކު، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުންދާތީ މި އެއްބަސްވުން ދެމިއޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ފަރާތްތަކުން ބުނެއެވެ.






