"މާލެ ޓައިމްސް" އަކީ، އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ތަބާވުން މަތީގައި ދެމިތިބެ، އާންމުންނަށް ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑު ހިފަހައްޓައިގެން ނޫސްވެރިކަން ކުރުމުގެ މާތް މަގުސަދުގައި އުފެއްދައި ޝާއިއު ކުރަން ފެށި ނޫހެކެވެ.
އެގޮތުން ތިރީގައި އެވަނީ "މާލެ ޓައިމްސް" އިން އަމަލު ކުރާނެ މައިގަނޑު ސިޔާސަތު ތަކެވެ.
އިސްލާމް ދީނާއި ޤާނޫނު ތަކަށް ތަބާވުން:
"މާލެ ޓައިމްސް" ގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ތަބާވެތިބެ މަސައްކަތް ކުރުމެވެ.
ތެދުވެރިކަން:
މި ނޫހުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށް ދިނުމަކީ އެންމެ ބޮޑަށް ބަލާނެ އެއް ކަންތަކެވެ. އެގޮތުން ޙަގީގަތް ހޯދައި، ހަގީގަތާއެއްގޮތަށް އެކަމެއް އާންމުންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތް ކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތަކެވެ.
ވަކިފަރާތަކަށް ނުޖެހުން:
"މާލެ ޓައިމްސް" އިން އަބަދުވެސް ގެންގުޅޭނެ އެންމެ މުހިންމު އަނެއް ސިޔާސަތަކީ ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ގެނެސްދިނުމެވެ. އެގޮތުން ވަކި ފަރާތަކާ ޖައްސާލައި، ނުވަތަ ވަކި ފަޅިއަކަށް ބުރަވެތިބެ މަސައްކަތް ކުރުމަކީ "މާލެ ޓައިމްސް" އިން ގަބޫލުކުރާ ސިޔާސަތެއްނޫނެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލަކުން ފުރުޞަތު ދީގެން ކުރިއަށް ދިއުމަކީ ގެންގުޅޭނެ މުހިންމު ސިޔާސަތެކެވެ.
މީހުންގެ އަބުރަށް ނޭރުން:
"މާލެ ޓައިމްސް" އިން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކީވެސް އަބުރުވެރި، ޝަރަފްވެރި، ޤަދަރުވެރި މީހެކެވެ. އެހެންކަމުން އެއްވެސް މީހެއްގެ އަބުރު ނަގާލެވޭ ފަދަ ވާހަކަތަކަތައް ގެނެސްދިނުމަކީ މި ނޫހުން އެންމެ ބޮޑަށް ދުރުހެލިވެތިބެ މަސައްކަތް ކުރާނެ އެއް ކަންތަކެވެ.
ނުފޫޒުން އެއްކިބާވެ ތިބުން:
"މާލެ ޓައިމްސް" އަކީ ވަކި މީހެއްގެ ނުވަތަ ވަކި ބަޔެއްގެ ނުފޫޒުގެ ދަށުނުވެ، ނުފޫޒު ތަކުން އެއްކިބާވެތިބެ މަސައްކަތް ކުރާނެ ޓީމެއްގެ ގޮތުގައި އޮތުމަކީ މި ނޫހުގެ މައިގަނޑު އެއް ސިޔާސަތެވެ.
އިންސާނީ ކަރާމާތަށް ނޭރުން:
ކުޑަކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވާހަކަތައް ގެނެސްދޭއިރު، އެފަދަ ފަރާތްތަކުގެ ކަރާމާތް ނުގެއްލޭނެ ގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަކީ "މާލެ ޓައިމްސް" އިން އިސްކަންދޭނެ ސިޔާސަތެކެވެ.
ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަމަށް އިޙްތިރާމް ކުރުން:
ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ އެންމެހާ ކަންކަމަށް އިޙްތިރާމްކޮށް، ޤާނޫނުން އެ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދޭން އޮތް އިމުގައި އެކަން ކުރުމަށް އިސްކަންދޭނެއެވެ.
މަސްދަރު ހިފެހެއްޓުން:
ނަމާއި ވަނަވަރު ސިއްރު ކޮށްދޭން ޝަރުތުކޮށް "މާލެ ޓައިމްސް" އަށް މައުލޫމާތު ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުގެ ސިއްރު، މި ނޫހުން ހިފަހައްޓާނެއެވެ.
އެހެން ބަޔެއްގެ އުފެއްދުމެއް ބޭނުން ކުރުން:
"މާލެ ޓައިމްސް" ގެ އަމިއްލަ އުފެއްދުމެއް، މިސާލަކަށް ފޮޓޯ، ޚަބަރު، ވީޑިއޯ ފަދަ އެއްޗެއް ނޫން، އެހެން ބައެއްގެ އެއްޗެއް މި ނޫހުގައި ޝާއިއު ކުރާނަމަ، އެ ބަޔަކަށް އެ ކަމުގެ ކްރެޑިޓް ދިނުމަށްފަހު ނޫނީ މި ނޫހުގައި ޝާއިއު ނުކުރާނެއެވެ.
އިސްލާޙު ކުރުމާއި މާފަށް އެދުން:
"މާލެ ޓައިމްސް" ގައި ޝާއިއު ކުރި ޚަބަރެއް ނުވަތަ މައުލޫމާތެއްގައި ކުށެއް ވާކަން އެނގިއްޖެނަމަ، ވީ އެންމެ އަވަހަށް އެކަން އިސްލާޙު ކުރާނެއެވެ. އަދި މާފަށް އެދެންޖެހޭ ފަދަ ކަމެއް ނަމަ މާފަށް އެދޭނެއެވެ.
މީޑިއާ ގުޅުންހުރި މުއައްސަސާތަކަށް އެއްބާރުލުން ދިނުން:
ޤާނޫނެއްގެ ދަށުން އުފައްދާފައިވާ، މީޑިއާ ގުޅުން ހުރި މުއައްސަސާ ތަކަށް އެއްބާރުލުންދީ، އެ ފަރާތްތަކުން އާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚަބަރާއި މައުލޫމާތު ޙިއްސާ ކުރުމުގައި "މާލެ ޓައިމްސް" އިން ވެވުނު ވަރަކުން އެއްބާރުލުމެއް ދޭނެއެވެ.
