އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޕެޕް ގާޑިއޯލާ އައްޔަން ކުރުމަށްޓަކައި މާލީގޮތުން ދޭންޖެހޭ "އިސްތިސްނާތަކެއް" ދިނުމަށް ނިންމާފައިވާ ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަން (އެފްއައިޖީސީ) ގެ ރައީސް ޖިއޮވާނީ މަލާގޯ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ސީޒަނަށްފަހު މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ވަކިވި ގާޑިއޯލާ ވަނީ އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި އިނގިރޭސި ޕްރެމިއާ ލީގު 6 ފަހަރު، އެފްއޭ ކަޕް 3 ފަހަރު، ލީގު ކަޕް 5 ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ބާސެލޯނާ އާއި ބަޔާން މިއުނިކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ގާޑިއޯލާ އަދި އެއްވެސް ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.
މަލާގޯ ވިދާޅުވީ، ގާޑިއޯލާ ފަދަ ބޮޑު ނަމެއް އިޓަލީގެ ކޯޗުކަމަށް ގެނައުމަށްޓަކައި މާލީ ގޮތުން ޚާއްޞަ އިސްތިސްނާތަކެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް، މި އެއްބަސްވުން އަދި މުޅިން ފައިނަލްވެފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިޓަލީގެ ކޯޗުގެ މަގާމު ހުސްވީ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވުމާ ގުޅިގެން މިއަހަރުގެ އެޕްރީލް މަހު ޖެނާރޯ ގަޓޫސޯ މަގާމުން އިސްތިއުފާ ދިނުމުންނެވެ.
ގާޑިއޯލާގެ އިތުރުން އިޓަލީގެ ކޯޗުކަމަށް ވާދަކުރާ އެހެން ކޯޗުންގެ ތެރޭގައި ޔޫރޯ 2020 އިޓަލީއަށް ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗީނީ އާއި ކުރީގެ މަޝްހޫރު މިޑްފީލްޑަރު އެންޑްރެއާ ޕިރްލޯ ހިމެނެއެވެ. މަލާގޯ ވިދާޅުވީ ޝޯޓްލިސްޓުގައި ހިމެނެނީ ހަމައެކަނި މި ތިން ކޯޗުން ނޫން ކަމަށާއި، ބަލަމުންދަނީ ވަކި ޕްރޮފައިލަކަށް ފެތޭ ކޯޗުންނަށް ކަމަށެވެ.
އިޓަލީގެ ފުޓްބޯޅަ އާރާސްތުކުރުމަށްޓަކައި އާ ކޯޗެއް އައްޔަންކުރުމަކީ އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވޭއިރު، އިޓަލީން ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު 25 ގައި ނޭޝަންސް ލީގުގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗެވެ






