އަތްދޮވުމުން ފުރާނަ ސަލާމަތް ކުރެވޭކަން ހޯދި ޑޮކްޓަރު

އަތްދޮވުމުން ފުރާނަ ސަލާމަތް ކުރެވޭކަން ހޯދި ޑޮކްޓަރު

އިގްނާޒް ސެމެލްވައިސް އަކީ ޖަރާސީމުގެ ސަބަބުން ބަލި ފެތުރޭކަން ސައިންސްގެ ދުނިޔެއަށް އެނގުމުގެ މާކުރިން، ހަމައެކަނި އަތްދޮވެގެން އިންފެކްޝަންތައް ވަރަށް ބޮޑަށް މަދު ކުރެވޭނެކަން ހޯދި ހަންގޭރީގެ މަޝްހޫރު ޑޮކްޓަރެކެވެ.

ޑޮކްޓަރުން މަރުވެފައިވާ މީހުންގެ ހަށިގަނޑު ތަޙުލީލު ކުރުމަށްފަހު (އޮޓޮޕްސީ ހެދުމަށްފަހު)، ސީދާ ވިހާ އަންހެނުންނަށް ފަރުވާދިނުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މާއްދާތަކެއް އަންހެނުންގެ ހަށިގަނޑަށް ވާސިލުވާކަން އޭނާ ހޯދިއެވެ.

އިގްނާޒް ސެމެލްވައިސް އުފަންވީ 1 ޖުލައި 1818 ގައި ހަންގޭރީގެ ބުޑާ (މިހާރުގެ ބުޑަޕެސްޓް) އަށެވެ. އަދި އޭނާ މަރުވީ 13 އޮގަސްޓު 1865 ގައި އޮސްޓްރިއާގެ ވިއެނާގައެވެ.

ސެމެލްވައިސް ކައިވެނި ކުރީ މާރިއާ ވައިޑެންހޯފަރ އާއެވެ. މި ކައިވެނިން އެ ދެމަފިރިންނަށް 5 ކުދިން ލިބުނެވެ. އޭނާގެ އުމުރުގެ ފަހުކޮޅު، އޭނާގެ ހޯދުންތައް އެހެން ޑޮކްޓަރުން ގަބޫލުނުކުރުމުގެ ސަބަބުން ނަފްސާނީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާބް ޖެހުނެއެވެ. އޭނާ މަރުވީ އުމުރުން އެންމެ 47 އަހަރުގައި، ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ މަރުކަޒެއްގައި ބަންދުކޮށްފައި ވަނިކޮށް ލިބުނު ޒަޚަމެއްގެ ސަބަބުން އުފެދުނު އިންފެކްޝަނަކުންނެވެ.

ސެމެލްވައިސްގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު މަސައްކަތަކީ، ވިއެނާ ޖެނެރަލް ހޮސްޕިޓަލުގައި އޭނާ ކުރެއްވި ތަޖުރިބާތަކެވެ. ވިހެއުމުގެ ތެރޭގައި އަންހެނުންނަށް ޖެހޭ ނުރައްކާތެރި ހުމެއް ކަމަށްވާ "ޗައިލްޑްބެޑް ފީވަރ" ޖެހިގެން މަރުވާ ނިސްބަތް އިންތިހާއަށް އިތުރުވެފައި ވަނިކޮށް، މަރުވެފައިވާ މީހުންގެ ހަށިގަނޑުން ޖަރާސީމުތައް ޑޮކްޓަރުންގެ އަތްމެދުވެރިކޮށް އަންހެނުންނަށް ފޯރާކަން އޭނާ ދެނެގަތެވެ.

މިއާއެކު، ކްލޮރިން ގިރާފައިވާ ފެނުން ޑޮކްޓަރުން އަތްދޮވުމަށް އޭނާ މަޖުބޫރުކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް 18% އިން 1% އަށް ވުރެ ދަށަށް ގޮސް، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވުނެވެ.

ސެމެލްވައިސް އުފަންވީ ވިޔަފާރިވެރި ތަނަވަސް އާއިލާއަކަށެވެ. އޭނާގެ ބައްޕައަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ނަމަވެސް އޭނާގެ އަމިއްލަ ޙަޔާތުގެ ފަހުކޮޅު މާލީ ގޮތުން ދަތިތަކާ ކުރިމަތިވިއެވެ. އޭރުގެ މެޑިކަލް ދުނިޔެއިން އޭނާގެ ހޯދުންތަކަށް ފާޑުކިޔައި މަލާމާތްކުރުމުގެ ސަބަބުން ވަޒީފާ ގެއްލި، މާޔޫސްކަމުގެ ތެރޭގައި ހޭދަކުރަންޖެހުމުން، އޭނާ މަރުވިއިރު އާއިލާއަށް މާބޮޑު މުއްސަނދިކަމެއް ދޫކުރެއްވިފައެއް ނުވެއެވެ.

ސެމެލްވައިސް ދުނިޔޭގައި ހުރިއިރު އޭނާގެ މަސައްކަތުގެ އަގުވަޒަން ނުކުރެވުނު ނަމަވެސް، މިއަދު އޭނާ ފާހަގަކުރެވެނީ "މައިންގެ ފުރާނަ ސަލާމަތްކުރި މީހާ" ގެ ގޮތުގައެވެ. އޭނާ މަރުވިފަހުން ލުއީ ޕާސްޗަރ އަދި ޖޯސެފް ލިސްޓަރ ފަދަ ސައިންސްވެރިން ޖަރާސީމުގެ ތިއަރީ ސާބިތުކޮށްދިނުމުން، ސެމެލްވައިސްގެ މަސައްކަތަކީ ކިހާ މުހިންމު އަދި ތެދު މަސައްކަތެއްކަން މުޅި ދުނިޔެއަށް ހާމަވެގެން ދިޔައެވެ.

މިއަދުވެސް، ސައިންސްގެ ދުނިޔޭގައި އައު ހެކިތަކެއް ފެނުމުންވެސް، އޭރު ގަބޫލުކުރަމުން އައި ކަންކަމާ ފުށުއަރާތީ އެކަމެއް ގަބޫލުކުރަން ދެކޮޅުހެދުމަށް ކިޔަނީ "ސެމެލްވައިސް ރިފްލެކްސް"އެވެ. މިއީ އޭނާގެ ޒިކުރާ އާކުރުމަށް ދެވިފައިވާ ނަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *