އިތިއޯޕިއާގެ "ބޮޑީ ގަބީލާ" ގައި، އެންމެ ރީތި އަދި އެންމެ އިހުތިރާމް ލިބިގެންވާ ފިރިހެނުންނަކީ އެންމެ ބޮޑު ބަނޑެއް ލިބިފައިވާ ފިރިހެނުންނެވެ. މިއީ ދުނިޔޭގެ އެހެން ހިސާބުތަކާ ވަރަށް ތަފާތު، އާދަޔާ ޚިލާފު ސަގާފަތެކެވެ.
މި ގަބީލާގައި ކޮންމެ އަހަރަކުވެސް ޒުވާން، މީހަކާ ނުއިންނަ ފިރިހެނުންގެ މެދުގައި "ކައެލް" ގެ ނަމުން ނަން ދެވިފައިވާ ޚާއްޞަ މުބާރާތެއް ބާއްވައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބައިވެރިން 6 މަސް ދުވަސް ވަންދެން ގެއިން ބޭރަށް ނުނުކުމެ މަޑުކުރަން ޖެހެއެވެ. އަދި ހިނގާބިނގާވެ އުޅުމާވެސް ދުރުހެލިވެއެވެ.
މި މުއްދަތުގެ ތެރޭގައި އެމީހުންގެ މައިގަނޑު ކެއުމަކީ ނުވަތަ ބުއިމަކީ، ގެރި ލެޔާއި ކިރު އެއްކޮށްގެން ތައްޔާރުކުރާ ޚާއްޞަ ބުއިމެކެވެ. މީގެ ބޭނުމަކީ ވީހާވެސް އަވަހަކަށް ބަރުދަން އިތުރުކޮށް، ބަނޑު ބޮޑު ކުރުމެވެ.
މުބާރާތް އޮންނަ ދުވަހު، މި ފިރިހެނުން އެމީހުންގެ ގައިގައި ހުދުކުލައިގެ މަށި އުނގުޅައެވެ. އަދި އެއަށްފަހު، އެ ގަބީލާގެ މީހުން މުޤައްދަސް ގަހެއް ކަމުގައި ދެކޭ ގަހެއްގެ ވަށައިގެން ހިނގާލުމެއް ބާއްވައެވެ.
މި މުބާރާތުން މޮޅުވާ މީހަކީ އެންމެ ބޮޑު ބަނޑެއް ލާފައި ހުންނަ މީހާއެވެ. މޮޅުވާ މީހާއަށް މުޅި އުމުރަށް ބަތަލެއްގެ ދަރަޖަ ލިބި، ގަބީލާގެ ހުރިހާ އެންމެންގެ ފުރިހަމަ އިހުތިރާމް ލިބިގެންދެއެވެ. އަދި ބޭނުން ކޮންމެ އަންހެނަކާ ކައިވެނި ކުރުމުގެ ފުރުސަތުވެސް އޭނާއަށް ލިބެއެވެ.
މި ރަސްމިއްޔާތު ނިމޭތާ މަދު ހަފްތާތަކެއްގެ ތެރޭގައި، ބައިވެރިންގެ ބަނޑު އާދައިގެ ސައިޒަކަށް ބަދަލުވެގެން ދެއެވެ. ނަމަވެސް، މުބާރާތުން ހޯދާ ފަޚުރާއި ޝަރަފު މުޅި އުމުރަށް ދެމިގެންދެއެވެ. މިއީ ހަށިގަނޑު ބޮޑުވުމަކީ ރީތިކަމެއް ކަމުގައި ދެކޭ، އަދި ބޮޑުވި ވަރަކަށް ފުރިހަމަ ކަމަށް ގަބޫލުކުރާ ވަރަށް ތަފާތު އާދަކާދައެކެވެ.





