އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، މަދަނީ ނިއުކްލިއަރ އެއްބާރުލުމުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާއަށް އެ ގައުމުގައި ޔުރޭނިއަމް ފައްކާކުރުމުގެ ހުއްދަ ދިނުމަށް ވަގުތީ ގޮތުން އެއްބަސްވެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ.
ސީއެންއެން އަށް ލިބިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން އަޅަންޖެހޭ ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކަކާ ނުލައި ސައުދީއަށް ޔުރޭނިއަމް ފައްކާކުރެވޭނެއެވެ. ސައުދީގެ މަދަނީ ނިއުކްލިއަރ ޕްރޮގްރާމަށް އެމެރިކާއިން އެހީތެރިވުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ޑްރާފްޓްގެ މަޝްވަރާތައް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނިމިފައިވީ ނަމަވެސް، މި ލިޔުން މިހާރު އޮތީ ރައީސް ޓްރަމްޕްގެ ސޮއިކުރެއްވުމުގެ އިންތިޒާރުގައެވެ.
މަސްދަރު ތަކުން ބުނާ ގޮތުގައި އެއްބަސްވުމުގައި ޓްރަމްޕް ސޮއިކުރެއްވުން ލަސްވަމުންދާ މައިގަނޑު އެއް ސަބަބަކީ އީރާނާއެކު މިހާރު ކުރިއަށްދާ ހަނގުރާމައެވެ. މީގެ އިތުރުން، މި އެއްބަސްވުމަށް ކޮންގްރެސްގެ ފަރާތުންވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެއްބަސްވުން ހުއްޓުވުމަށް ގަރާރެއް ފާސްކޮށްފާނެ ކަމުގެ ބިރު އޮތުން ކަމަށްވެސް ކޮންގްރެސްގެ ބައެއް މެމްބަރުން ގަބޫލުކުރައްވައެވެ.
ތަޖުރިބާކާރުން އިންޒާރު ދެއްވާ ގޮތުގައި، ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކެއް ނެތި ސައުދީއަށް ޔުރޭނިއަމް ފައްކާކުރުމުގެ ފުރުސަތު ދިނުމަކީ، އެ ގައުމުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މީގެ ކުރިން ވަނީ، ސަރަހައްދީ ވާދަވެރިޔާ އީރާނުން ނިއުކްލިއަރ ބޮމެއް އުފައްދައިފިނަމަ، ސައުދީންވެސް އަމިއްލަ ނިއުކްލިއަރ ހަތިޔާރެއް އުފައްދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
"123 އެގްރީމެންޓް" ގެ ނަމުން ނަންދެވިފައިވާ މި އެއްބަސްވުން ގާނޫނުގައިވާ ގޮތުގެ މަތިން އަދި ކޮންގްރެސްއަށް ހުށަހަޅާފައެއް ނުވެއެވެ. ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވަނީ މަދަނީ ނިއުކްލިއަރ އެއްބާރުލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 2025 ވަނަ އަހަރު ވިދާޅުވެފައެވެ.





