ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ޗަޓުޗަކް ޑިސްޓްރިކްޓްގައި ހިންގާ ޕަބެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން، މި ހާދިސާގައި އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ފެތުރިގެން ދިޔައިރު، އިމާރާތުގެ އެމަޖެންސީ ދޮރުތައް ހުރީ ބަންދުވެ، މީހުންނަށް ނުނިކުމެވޭ ގޮތަށް ތާށިވެފައެވެ. މިކަމުގެ ސަބަބުން އެވަގުތު އެތަނުގައި ތިބި ގިނަ ބަޔަކަށް ސަލާމަތްވުމަށް ވަނީ ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހާދިސާގައި އަނިޔާވި މީހުން މިހާރު ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުންނާއި މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ދަނީ މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.






