ފީފާއަކީ މިނިވަން ކުޅިވަރު އިދާރާއެއް ނޫން، އެއީ ސިޔާސީ ހަތިޔާރެއް: ޒޭވިއަރ

ފީފާއަކީ މިނިވަން ކުޅިވަރު އިދާރާއެއް ނޫން، އެއީ ސިޔާސީ ހަތިޔާރެއް: ޒޭވިއަރ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އަކީ މިނިވަންކަމާއެކު ހިންގާ ކުޅިވަރު ޖަމްއިއްޔާއެއް ނޫން ކަމަށާއި، އެއީ ވަކި ބައެއްގެ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ސިޔާސީ ސައިންސްވެރިއެއް ކަމަށްވާ ޒޭވިއަރ އަބޫ އީދު ސިފަކުރައްވައިފިއެވެ.

އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ޒޭވިއަރ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ފީފާގެ މި ހަގީގަތް މިހާރު އެނގެން ފެށި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް މިކަން އެނގޭތާ އެތައް އަހަރެއް ވެއްޖެއެވެ.

މި ފަހަކަށް އައިސް ފީފާގެ ހިންގުމާއި އޭގެ ލީޑަޝިޕަށް އަމާޒުވާ ފާޑުކިއުންތައް ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައްސަލައިގެ ތެރެއަށް ވެދެވަޑައިގަތުމުން، ސަސްޕެންޑްކޮށްފައި ހުރި އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ސަސްޕެންޝަން ފީފާއިން އުވާލި އުވާލުމަކީ ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ސަޕޯޓަރުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދުނު ކަމެކެވެ. މީގެ އިތުރުން ވޯލްޑް ކަޕްގެ މެޗުތަކުގައި ރެފްރީން ވަކި ޓީމުތަކަކަށް ހެޔޮކޮށް ހިތާކަމުގެ ތުހުމަތުތައް ވެސް ވަނީ ފެންމަތިވެފައެވެ.

ޒޭވިއަރ ވިދާޅުވި ގޮތުގައި ފީފާގެ އަސާސީ ގަވާއިދުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ލާޒިމްކޮށްފައި އޮތް ނަމަވެސް، ފަލަސްތީނުގެ މައްސަލައިގައި ފީފާ ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ބިންތަކުގައި ހަދާފައިވާ ޣައިރުގާނޫނީ އާބާދީތަކުގެ ކްލަބުތައް އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) ގެ ލީގުގައި ކުޅެން ފުރުސަތު ދޭތީ، އިސްރާއީލް ސަސްޕެންޑްކޮށްދިނުމަށް ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން ތަކުރާރުކޮށް އެދުމުން ވެސް ފީފާއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ފީފާއިން މިހާތަނަށް ކޮށްފައިވާ އަދި ނުކޮށް ދޫކޮށްލާފައިވާ ބައެއް ކަންތައްތައް:

ކުޅުންތެރިން މެރުމާއި ހައްޔަރު ކުރުން: އިސްރާއީލުން ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިން މަރަމުންދާ ދިއުމާއި، އަންހެން ގައުމީ ޓީމުގެ ކުޅުންތެރިން ހައްޔަރުކުރަމުންދާ ދިއުން ކުށްވެރިއެއް ނުކުރެއެވެ.
ދަނޑުތައް ހަލާކު ކުރުން: ފަލަސްތީނުގެ ފުޓްބޯޅަ ދަނޑުތައް ސުންނާފަތި ކުރަމުން ދާއިރުވެސް ފީފާ އޮތީ ހިމޭނުންނެވެ.
ދަތުރުފަތުރުގެ ހުރަސްތައް: ފަލަސްތީނުގެ ޓީމުތަކަށް ދަތުރުފަތުރުގެ ހުއްދަ ނުދީ އިސްރާއީލުން ހުރަސްއަޅާ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އާއި އދ. ގެ ގަރާރުތަކާ ޚިލާފަށް، ފީފާއިން ބުނަމުންދަނީ ހުޅަނގު އައްސޭރީގެ ގާނޫނީ ހާލަތަކީ "ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ވަރަށް އޮޅުންބޮޑު ކަމެއް" ކަމަށެވެ. މިއީ އިސްރާއީލާއި އެމެރިކާގެ ޕްރޮޕަގަންޑާ ފީފާއިން ދިފާއުކުރާކަމުގެ ހެކިތަކެއް ކަމަށް ޒޭވިއަރ ތުހުމަތުކުރައްވައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ދައުރުގައި ފީފާގެ މިފަދަ އަމަލުތައް ވަނީ އިތުރަށް ގޯސްވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ އިންފަންޓީނޯގެ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ވެސް ހުށަހަޅާފައެވެ. އެއީ އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލީ ތަފާތުކުރުންތައް އެނގި ހުރެ، އެކަންކަން ފޮރުވުމަށް ފީފާއިން އެހީތެރިވާތީއެވެ.

އިންފަންޓީނޯގެ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި 2018 ވަނަ އަހަރު ވޮޝިންޓަނުގައި އޮތް "އަބްރަހަމް އެކޯޑްސް" ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމާއި، ފަލަސްތީނުގެ މައްސަލައިގައި އދ. ގެ ދައުރު ހަނިކުރަން މަސައްކަތްކުރާ ޖަމާއަތްތަކާ ގުޅުން ބޭއްވުން ހިމެނެއެވެ.

އިތުރަށް ޒޭވިއަރ ވިދާޅުވީ، ފީފާގެ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އިދާރާތަކަށް އޮންނަ އިތުބާރު ގެއްލެމުންދާ ކަމަށެވެ. ނަމަވެސް، ފީފާ ކޮރަޕްޓްވި ނަމަވެސް އަދި އިސްރާއީލުގެ އިސްތިއުމާރު ދެމިއޮތް ނަމަވެސް، 1904 ވަނަ އަހަރުން ފެށިގެން ދެމިއޮތް ފަލަސްތީނުގެ ފުޓްބޯޅަ ހުއްޓުވައި ނުލެވޭނެ ކަމަށާއި އެކަން ދިރިދެމިއޮންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *