ދުނިޔެ ދުށް އެންމެ ތޫނުފިލި، އަދި އެންމެ އާދަޔާ ޚިލާފު އެއް ސައިންސްވެރިޔާ ކަމަށްވާ ޖޯން ވޮން ނިއުމަން އަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ ބައްޓަން ކުރުމުގެ އެންމެ މުހިންމު ބިންގާ އެޅި ހިސާބު އިލްމުވެރިޔާއެވެ. ކޮމްޕިއުޓަރާއި، އިގްތިސާދާއި، ނިއުކްލިއާ ފިޒިކްސްގެ ދާއިރާއިން އޭނާ ކުރި މަސައްކަތްތަކަކީ މިއަދުވެސް އިންސާނިއްޔަތަށް އޭގެ ފައިދާ ކުރަމުންދާ ކަންކަމެވެ.
ޖޯން ވޮން ނިއުމަން އުފަންވީ 28 ޑިސެމްބަރު 1903 ގައި ހަންގޭރީގެ ބުޑަޕެސްޓަށެވެ. އޭނާއަކީ ކުޑައިރުއްސުރެ ވެސް އާދަޔާޚިލާފު ހަނދާންގަދަ، އަދި ވިސްނުންތޫނު ކުއްޖެކެވެ. އުމުރުން އެންމެ 6 އަހަރުގައި ބޮޑެތި އަދަދުތަކުން ހިސާބު ހަދައި، ބޭރު ބަސްބަހުން ފަރިތަކޮށް ވާހަކަދެއްކިއެވެ.
އޭނާ މަތީ ތައުލީމު ހާސިލްކުރީ ޔޫރަޕްގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުންނެވެ. އެގޮތުން ޔުނިވަރސިޓީ އޮފް ބުޑަޕެސްޓުން ހިސާބު އިލްމުން ޕީއެޗްޑީ ހާސިލްކުރިއިރު، ހަމަ އެ ދުވަސްވަރު ސްވިޒަލޭންޑްގެ ETH Zurich އިން ކެމިކަލް އިންޖިނިއަރިންގް އިން ޑިގްރީ ހާސިލްކުރިއެވެ.
އޭނާ ދެ ކައިވެންޏެއް ކުރިއެވެ. ފުރަތަމަ ކައިވެނި ކުރީ މަރިއެޓް ކޮވެސީއާއެވެ. މި ކައިވެންޏަށް އޭނާގެ ހަމައެކަނި ދަރިފުޅު މަރީނާ ވޮން ނިއުމަން ލިބުނެވެ. ފަހުން އެ ކައިވެނި ރޫޅި، ދެވަނައަށް ކައިވެނިކުރީ ކްލާރާ ޑޭންއާއެވެ. ކްލާރާއަކީ ކުރީގެ ކޮމްޕިއުޓަރުތަކަށް ޕްރޮގްރާމް ކުރުމުގައި ނިއުމަންއަށް އެހީތެރިވި ފަރާތެކެވެ.
އާންމުކޮށް ސައިންސްވެރިންނަކީ އެކަހެރިކޮށް އުޅޭ ބައެއް ނަމަވެސް، ނިއުމަންއަކީ މަޖާ، ސަކަރާތްޖަހާ، އަދި ގޭގައި ބޮޑެތި ޕާޓީތައް ބާއްވަން ލޯބިކުރި ހިތްހެޔޮ މީހެކެވެ. އޭނާގެ ހުރި އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ފޮތެއް އެއްފަހަރު ކިޔާލުމުން އޭގައި ހުންނަ ލިޔުންތައް އަކުރުން އަކުރަށް ހަނދާން ހުންނަ "ފޮޓޯގްރަފިކް މެމޮރީ" އެއް ހުރުމެވެ.

އޭނާގެ އަދާކުރި މަގާމުތަކުންނާއި ސަރުކާރުގެ އެކި އެކި މުޝީރުކަމުގެ މަގާމުތަކުން އެތައް ލާރިއެއް ލިބުނެވެ. އޭނާއަކީ އެމެރިކާގެ ޕްރިންސްޓަންގައި ހުންނަ އިންސްޓިޓިއުޓް ފޯ އެޑްވާންސްޑް ސްޓަޑީ ގެ އެންމެ ފުރަތަމަ ޕްރޮފެސަރުންގެ ތެރެއިން އެކެކެވެ. އެމެރިކާގެ ސަރުކާރަށާއި އަސްކަރިއްޔާއަށް ގިނަ ލަފާތަކެއް ދީގެން އޭނާއަށް ބޮޑު އާމްދަނީއެއް ލިބުނެވެ. އެހެންކަމުން އޭނާ ދިރިއުޅުނީ ވަރަށް ތަނަވަސް، މުއްސަނދި ދިރިއުޅުމެކެވެ.
ނިއުމަންއަކީ "ޕޮލިމެތް" އެކެވެ. މާނައަކީ ތަފާތު ގިނަ ދާއިރާތަކަކުން އާދަޔާޚިލާފު ހުނަރުވެރިކަން ހުރި މީހެކެވެ. އޭނާ މަސައްކަތް ކުރި މައިގަނޑު ދާއިރާތަކަކީ:
މެންހަޓަން ޕްރޮޖެކްޓް: ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން އެޓަމް ބޮން އުފެއްދި ޕްރޮޖެކްޓްގައި ބޮން ގޮއްވާލުމަށް ބޭނުންވާ ބާރުގަދަ ހިސާބުތައް ހެދީ އޭނާއެވެ.
ގޭމް ތިއަރީ : އިގްތިސާދީ އަދި އިސްތިރާޖީ ނިންމުންތައް ނިންމުމުގައި ބޭނުންކުރާ ހިސާބުގެ މި އުސޫލު އުފެއްދެވީ އޭނާއެވެ.

އޭނާގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މަސައްކަތަކީ "ވޮން ނިއުމަން އާކިޓެކްޗާ" އެވެ. މިއީ ކޮމްޕިއުޓަރެއްގެ ސީޕީޔޫ ، މެމޮރީ އަދި އިންޕުޓް/އައުޓްޕުޓް މަސައްކަތް ކުރާނެ ގޮތުގެ އަސާސީ ބްލޫޕްރިންޓެވެ. މިއަދު އަހަރެމެން ބޭނުންކުރާ ފޯނާއި، ލެޕްޓޮޕް އަދި ސުޕަރކޮމްޕިއުޓަރުތައްވެސް ހިނގަނީ އޭނާ އުފެއްދެވި މި އުސޫލުގެ މަތިންނެވެ.
އޭނާ މަރުވީ 8 ފެބްރުއަރީ 1957 ގައި، އުމުރުން އެންމެ 53 އަހަރުގައި ކެންސަރު ބަލީގައެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޭނާއަށް ކެންސަރު ޖެހުނީ އެޓަމް ބޮން ޓެސްޓުކުރުމުގެ ތެރޭގައި ރޭޑިއޭޝަނަށް ހުށަހެޅުމުގެ ސަބަބުންނެވެ.
ނިއުމަން ދުނިޔެ ދޫކޮށް ދިޔަ ނަމަވެސް، އޭނާ ދޫކުރި ސައިންސާއި ޓެކްނޮލޮޖީގެ ތާރީޚީ ބިންގަލުގެ ސަބަބުން، އޭނާއަކީ ތާއަބަދަށް ދުނިޔެ ހަނދާންކުރާނެ ނާދިރު ބުއްދިވެރިއެކެވެ






