ޝަކުންތަލާ ދޭވީއަކީ ހިސާބު ޢިލްމުގައި އިންސާނީ ސިކުނޑިއަށް ކުޅަދާނަ ނުވާނެ ކަމަށް ގަބޫލުކުރެވޭ ފަދަ ބޮޑެތި ޙިސާބުތައް، އެއްވެސް އާލާތެއްގެ އެހީއަކާ ނުލައި، ސިކުންތުކޮޅެއްގެ ތެރޭގައި ހަދައިދިން އިންޑިއާގެ ހުނަރުވެރި އަންހެނެކެވެ.
ޝަކުންތަލާ ދޭވީ އުފަންވީ 1929 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައެވެ. އޭނާގެ ހިސާބު ހެދުމުގެ ޚާއްސަ ހުނަރު އެންމެ ފުރަތަމަ ފާހަގަކުރެވުނީ އޭނާގެ އުމުރުން އެންމެ 3 އަހަރުގައެވެ. އޭނާގެ ބައްޕަ ކާޑު ކުޅުމެއް ދަސްކޮށްދެމުން ދަނިކޮށް، ޝަކުންތަލާ ވަނީ އެއްވެސް ރަސްމީ ތަޢުލީމެއް ނެތި ނަންބަރުތައް ހަނދާން ބެހެއްޓުމުގެ މަތީ ހުނަރެއް ދައްކާފައެވެ.
ޝަކުންތަލާ ދޭވީ "ހިއުމަން ކޮމްޕިއުޓަރ"ގެ ނަމުން މަޝްހޫރުވީ އޭނާގެ އަޖައިބު ކުރުވަނިވި ހިސާބު ހެދުމުގެ ޤާބިލުކަމުގެ ސަބަބުންނެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ:
1980 ވަނަ އަހަރު 13 އަދަދުގެ ދެ ނަންބަރު (7,686,369,774,870 × 2,465,099,745,779) ގުނަން ޖެހުމުން، އެއްވެސް ލަސްވުމެއްނެތި، އެންމެ 28 ސިކުންތުގެ ތެރޭގައި ރަނގަޅު ޖަވާބު ދެއްވިއެވެ.
މި ހުނަރުގެ ސަބަބުން 1982 ވަނަ އަހަރުގެ ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑްސްގައި އޭނާގެ ނަން ހިމެނުނެވެ.
މީގެ އިތުރުން، އޭނާއަށް ކަލަންޑަރު ބަލައިގެން ކޮންމެ ތާރީޚަކީ ކޮން ދުވަހެއްކަން އެންމެ ސިކުންތެއްގެ ތެރޭގައި ބުނެދިނުމުގެ ކުޅަދާނަކަން ލިބިފައިވިއެވެ.
ޝަކުންތަލާ ދޭވީ 1964 ވަނަ އަހަރު ޕަރިތޯޝް ބެނަރޖީއާ ކައިވެނި ކުރެއްވިއެވެ. އެ ދެމަފިރިންނަށް އަނޫޕަމާ ބެނަރޖީ ކިޔާ އަންހެން ދަރިއަކު ލިބުނެވެ. ފަހުން 1979 ވަނަ އަހަރު އެ ދެމީހުން ވަރިވިއެވެ. ޝަކުންތަލާއަކީ ހިސާބު ޢިލްމުގެ އިތުރުން ލިޔުންތެރިއެއް، އެސްޓްރޮލޮޖަރެއް އަދި ހިތްވަރުގަދަ އަންހެނެކެވެ .
އޭނާގެ ދަރިފުޅު އަނޫޕަމާއަށް ވެސް ހިސާބުގެ ރޮނގުން ހުނަރުތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޝަކުންތަލާގެ ހުނަރަކީ ހަމައެކަނި "ޖިންނި ވިސްނުމެއް" ނޫން ކަމަށާއި، އެއީ ނަންބަރުތަކުގެ ފެޓާންތައް ދެނެގަތުމާއި ޓެކްނިކްތައް ބޭނުންކޮށްގެން ދަސްކުރެވޭނެ ހުނަރެއް ކަމަށް އޭނާ ދެކުނެވެ.
ދިގު އުމުރަކަށް ފަހު، ޝަކުންތަލާ ދޭވީ މަރުވީ 2013 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހުއެވެ. އޭރު އޭނާގެ އުމުރަކީ 83 އަހަރެވެ. ޝަކުންތަލާ ދޭވީއަކީ މިއަދުވެސް މުޅި ދުނިޔެއަށް ހިސާބު ޢިލްމުގެ ޤާބިލުކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެވޭ، ދުނިޔެ ދުށް އެންމެ މޮޅު ހިސާބު ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ޝަކުންތަލާ ދޭވީގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ ފިލްމް ( ޝަކުންތަލާ ދޭވީ ) ވެސް އުފައްދާފައިވާކަން އެނގިވަޑައިގަންނަވާތޯއެވެ.





