ލަންޑަންގެ ހައިޑް ޕާކުގައި ބާއްވާ މަޝްހޫރު 'ބީއެސްޓީ ހައިޑް ޕާކް' މިއުޒިކް ފެސްޓިވަލްގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓްބުލް ބާއްވަން އުޅޭ ޝޯއަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކޮންސާޓެކެވެ. އެއީ ހަމައެކަނި އޭނާގެ ހިޓް ލަވަތައް އަޑުއަހަން ދާ ކޮންސާޓެއް ނޫނެވެ. މިއީ ގިނެސް ވޯލްޑް ރިކޯޑެއް މުގުރާލުމަށް ފޭނުންނަށް ލިބޭ ރަން ފުރުސަތެކެވެ.
އެންމެ ގިނައިން ބޯ ތަލަ ވެެފައި ތިބި މީހުން ނުވަތަ ބާލްޑް ކެޕެއް އަޅައިގެން އެއްތަނަކަށް އެއްވެ، ދުނިޔޭގެ ރިކޯޑެއް ހެދުމަށް ޕިޓްބުލް ވަނީ ފޭނުންނަށް ދައުވަތު ދީފަ އެވެ. މި ހަރަކާތް ކުރިއަށް ދާނީ ޖުލައި 10، 2026 ގަ އެވެ.
މި ރިކޯޑު ކާމިޔާބު ކުރުމަށްޓަކައި، ކޮންސާޓަށް ދާ ފަރާތްތަކުން ބާލްޑް ކެޕް އަޅައި އެއްވަގުތެއްގައި ހަރަކާތްތެރިވާން ޖެހޭނެ އެވެ. މި މަޖާ ހަރަކާތް ފެށިގެން އައީ ބީބީސީ ރޭޑިއޯ 1 ގެ ޕްރެޒެންޓަރު ގްރެގް ޖޭމްސްގެ ޚިޔާލަކުންނެވެ. ޕިޓްބުލް މިކަމަށް ތާއީދުކޮށް ބުނެފައި ވަނީ "މިއީ ފޭނުންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ތާރީޚުގެ ތެރެއިން ޖާގައެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް" ކަމަށެވެ.
މި ހަރަކާތް ރަސްމީކޮށް ބެލެހެއްޓުމަށް ގިނެސް ވޯލްޑް ރިކޯޑުގެ އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. ޝޯގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، މި ރިކޯޑު ހެދުމަށް އެހީތެރިވުމަށް ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށްވެސް ބީއެސްޓީ ހައިޑް ޕާކްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.





