ޒުވާންކަން ދެމެހެއްޓުމާއި އުމުރު ދިގު ކުރުމަށް ޕޫޓިންގެ ޝައުގުވެރިކަން ހުރިވަރު

ޒުވާންކަން ދެމެހެއްޓުމާއި އުމުރު ދިގު ކުރުމަށް ޕޫޓިންގެ ޝައުގުވެރިކަން ހުރިވަރު

ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ޒުވާންކަން ދެމެހެއްޓުމާއި، އުމުރު ދިގު ކުރުމުގެ ޝައުޤުވެރިކަމަކީ މިހާރު ހަމައެކަނި އަމިއްލަ ކަމެއްގެ ގޮތުގައި އޮތް ކަމެއް ނޫނެވެ. އެއީ ރަޝިޔާގެ ދައުލަތުގެ ބޮޑު ސިޔާސަތަކަށް ބަދަލުވެ، ބިލިއަނުން ޑޮލަރު އެކަމަށް ދަނީ ޚަރަދު ކުރެވެމުންނެވެ.

ޒަމާނުއްސުރެ ޕޫޓިން ފެންނަނީ ގަމީސް ނުލައި އަސް ދުއްވަނިކޮށް، ނުވަތަ އައިސް ހޮކީ ކުޅެނިކޮށް ވަރަށް ވަރުގަދަ ސިފައެއްގައެވެ. ނަމަވެސް، ދާދި ފަހުން (މޭ 2026 ގައި) ބައިނަލްއަޤްވާމީ މީޑިއާތަކުން ޚާއްޞަކޮށް ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްތަކުން އެނގޭ ގޮތުގައި، އުމުރުން 73 އަހަރުގެ ޕޫޓިންގެ ހަގީގީ އަމާޒަކީ އުމުރު ދިގު ކުރުމުގެ ސައިންސެވެ.

ރަޝިޔާ އިން ވަނީ "ނިއު ހެލްތު ޕްރިޒަވޭޝަން ޓެކްނޮލޮޖީސް" ގެ ނަމުގައި 26 ބިލިއަން ޑޮލަރުގެ ބޮޑު ސައިންޓިފިކް މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 3D ބަޔޯ-ޕްރިންޓިންގ ބޭނުން ކޮށްގެން އިންސާނާގެ ގުނަވަންތައް ލެބްގައި އުފެއްދުމާއި، "މިނީ-ޕިގް" (ކުދި އޫރު) ބޭނުންކޮށްގެން އިންސާނުންނަށް ބަދަލު ކުރެވޭނެ ގުނަވަން ހެއްދުމުގެ ދިރާސާތައް ކުރެއެވެ.

އަމާޒަކީ 2030 ގެ ކުރިން މިއީ ކާމިޔާބު ކަމަކަށް ހެދުމެވެ. އިންސާނާގެ ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދޭނެ "ޖީން ތެރަޕީ" އެއް އުފެއްދުމުގެ މަސައްކަތް ރަޝިޔާގެ ސަރުކާރުގެ ސައިންސްވެރިން ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރު ޗައިނާގެ ބެއިޖިންގްގައި އޮތް އަސްކަރީ ޕެރޭޑެއްގެ ތެރެއިން، މައިކް އޮންވެފައި ހުއްޓާ ޕޫޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަރިހު، އިންސާނާގެ ގުނަވަންތައް ބަދަލު ކޮށްގެން "އަބަދަށް ދިރި ހުރުން" ހޯދިދާނެ ކަމަށް ވިދާޅުވި އަޑު ވަނީ ރެކޯޑު ކުރެވިފައެވެ.

މި މަޝްރޫޢުގެ އެންމެ ކުރީގައި ތިއްބެވީ ޕޫޓިންގެ އެންމެ އިތުބާރު ހިފޭ އަރިސް ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ..

1. މާރިއާ ވޮރޮންސޯވާ (ޕޫޓިންގެ ދަރިކަނބަލުން): އެންޑަކްރިނޮލޮޖިސްޓެއް ކަމަށްވާ މާރިއާ އިސްކޮށް ހުންނަވައިގެން ދައުލަތުގެ ޖެނެޓިކްސް ޕްރޮގްރާމްތައް ސުޕަވައިޒް ކުރައްވައެވެ.
2. މިޚައިލް ކޮވަލްޗުކް (ފިޒިސިސްޓް): ކްރެމްލިންގެ މި ސިޔާސަތުގެ ސިކުނޑިއަކީ މިއީއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސައިންސްގެ އެހީގައި އިންސާނާގެ ހަލާކުވާ ބައިތައް މަރާމާތުކޮށް "އާކުރެވޭނެ" އެވެ.

މި މަޝްރޫޢަށް ބޮޑެތި ޚަރަދުތަކެއް ކުރަމުން ދިޔަ ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި ބައިނަލްއަޤްވާމީ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ އޮތީ ދުނިޔޭގެ ސައިންޓިފިކް ކޮމިއުނިޓީއާ އެކަހެރިވެފައެވެ. އެހެން ކަމުން މި މަޝްރޫޢުން ހަގީގީ ނަތީޖާއެއް ނުކުމެދާނެތޯ ގިނަ މީހުން ސުވާލު އުފައްދައެވެ.

އަދި ހައިރާން ވާންޖެހޭ އަނެއް ކަމަކީ، ދައުލަތުން މިފަދަ "އަބަދަށް ޒުވާންކަން" ހޯދުމުގެ ރޭހެއްގައި އުޅޭއިރު، ރަޝިޔާގެ އާންމު ފިރިހެނެއްގެ އެވްރެޖް އުމުރަކީ އެންމެ 68 އަހަރެވެ. މިއީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *