ދިވެހިރާއްޖެ އާއި ސިންގަޕޫރު: އެއް އަހަރެއްގައި މިނިވަންވި ދެ ގައުމުގެ ތަފާތު ބޮޑުވީ ކީއްވެ؟

ދިވެހިރާއްޖެ އާއި ސިންގަޕޫރު: އެއް އަހަރެއްގައި މިނިވަންވި ދެ ގައުމުގެ ތަފާތު ބޮޑުވީ ކީއްވެ؟

ދިވެހިރާއްޖެއާއި ސިންގަޕޫރަކީ 1965 ވަނަ އަހަރު މިނިވަންކަން ހޯދި ދެ ގައުމެވެ. ދެ ގައުމުން މިނިވަންކަމުގެ ދަތުރު ފެށީ ގާތްގަނޑަކަށް އެއް ހާލަތަކުންނެވެ. ނަމަވެސް މިއަދު ސިންގަޕޫރަކީ ފުރަތަމަ ދަރަޖައިގެ ކުރިއަރާފައިވާ މުއްސަނދި ގައުމެކެވެ. ރާއްޖެ އަދިވެސް އޮތީ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައެވެ.

ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއާން ޔޫ ގައުމު ބިނާކުރެއްވީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" (ކުޑަކޮށްވެސް ޖާގަ ނުދިނުމުގެ) ސިޔާސަތެއްގެ މައްޗަށެވެ. ސިޔާސީ މީހުންނާއި ސަރުކާރުގެ އިސްވެރިންނަކީ ތެދުވެރި، ގައުމީ މަސްލަހަތު އިސްކުރާ ބައެއްގެ ގޮތުގައި ހެދިއެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ބޮޑު މުސާރައެއް ދެއެވެ.

ރާއްޖޭގައި ކޮރަޕްޝަނަކީ ސިޔާސީ އަދި އިދާރީ ނިޒާމުގެ ތެރޭގައި ވަރަށް ބޮޑަށް މޫލާފައިވާ ކަމެކެވެ. ސިޔާސީ މީހުންގެ މަސައްކަތުގެ އަޚުލާގު ގިނަ ފަހަރަށް ގުޅިފައި އޮންނަނީ ގައުމީ ތަރައްގީއަށްވުރެ ބޮޑަށް އަމިއްލަ މަންފާއާއި ސިޔާސީ ޕާޓީގެ ފައިދާއަށެވެ.

ސިންގަޕޫރުގައި ގާނޫނުގެ ކުރިމަތީގައި އާންމު ރައްޔިތުމީހާއާއި ދައުލަތުގެ ވަޒީރަކާ އެއްވެސް ތަފާތެއް ނޯވެއެވެ. ކުށެއް ކޮށްފިނަމަ ވަޒީރަކަސް އަދި މަހުޖަނަކަސް ހަރުކަށި އަދަބު ލިބެއެވެ. އިންސާފުގެ ނިޒާމަކީ މިނިވަން، އަވަސް އަދި މުޅި ދުނިޔެ އިތުބާރުކުރާ ނިޒާމެކެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ ޝަކުވާއަކީ އަބަދުވެސް އޮންނަ ކަމެކެވެ. އާންމު ނިކަމެތި މީހާއަށް ގާނޫނު ތަންފީޒުކުރާ ހަރުކަށި މިނުގައި ސިޔާސީ ބޭފުޅުންނާއި މުއްސަނދިންނަށް ގާނޫނު ތަންފީޒު ނުކުރެވޭކަން އެއީ ރައްޔިތުން ގަބޫލުކުރާ ހިތްދަތި ހަގީގަތެކެވެ.

ސިންގަޕޫރުގެ އިގުތިސާދު ބިނާކޮށްފައި ވަނީ ހަމައެކަނި އެއް ކަމަކަށް ބަރޯސާ ނުވެ ސިންދަފާތު ކޮށްގެންނެވެ. ދައުލަތުގެ ބަޖެޓު ހޭދަކުރަނީ ދުރު ރާސްތާގެ ތަރައްގީއަށާއި ރައްޔިތުންނަށް ފައިދާހުރި ކަންކަމަށެވެ. އެ ގައުމުގައި އެތައް ބިލިއަން ޑޮލަރެއްގެ ރިޒާވެއް ހުރެއެވެ.

ރާއްޖޭގެ ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް ހޭދަވަނީ ސިޔާސީ މަގާމުތަކަށާއި، ރިކަރަންޓް ޚަރަދު ތަކަށެވެ. އިގުތިސާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމަށެވެ. ބަޖެޓު ދަރަނި އަހަރުން އަހަރަށް ބޮޑުވެ، ބޭރު ގައުމުތަކުގެ ލޯނުތަކަށް ގައުމު އޮތީ ތާށިވެފައެވެ.

ސިންގަޕޫރުގެ ތައުލީމީ ނިޒާމަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް ނިޒާމެވެ. އެ ގައުމުގައި ކުރިއަށް ދެވެނީ "މެރިޓޮކްރަސީ" ނުވަތަ މީހާގެ ހުނަރާއި ގާބިލުކަމަށް ބަލައިގެންނެވެ. ޒުވާނުންނަކީ ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ، އުފެއްދުންތެރި ބައެކެވެ.

ރާއްޖޭގައި ތައުލީމީ ނިޒާމު ފުޅާވެފައި އޮތް ނަމަވެސް، ވަޒީފާގެ ބާޒާރާ ގުޅޭ ހުނަރުވެރި ޒުވާނުން އުފެއްދުމުގައި ގޮންޖެހުން ތަކެއް އެބަހުއްޓެވެ. ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ސިޔާސީ ވިސްނުމަށް ވަޒީފާ ދިނުމުގެ ސަބަބުން ގިނަ ޒުވާނުން މާޔޫސްވެ، މަސްތުވާތަކެއްޗާއި ކުށްކުރުމުގެ ވެއްޓަށް ހުށަހެޅެއެވެ.

ސިންގަޕޫރުގެ ސިއްހީ ނިޒާމަކީ ރައްޔިތުންގެ އަތުން ފައިސާ ކަނޑައިގެން (މެޑިސޭވް ފަދަ ނިޒާމުތަކުން) ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ފެންވަރު ރަނގަޅު ނިޒާމެކެވެ. ކަރަންޓާއި ފެނުގެ ޚިދުމަތަކީ އަގުބޮޑު ނަމަވެސް، ރައްޔިތުންގެ އާމްދަނީއާ ބަލާއިރު މެނޭޖުކުރެވޭ، ކަނޑައިގެން ނުދާ އިތުބާރުހުރި ޚިދުމަތްތަކެކެވެ.

ރާއްޖޭގެ "އާސަންދަ" ނިޒާމަކީ ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމެއް ނަމަވެސް، މިއީ ދައުލަތުގެ ބަޖެޓަށް އޮތް ވަރަށް ބޮޑު ބުރައެކެވެ. އަދި އޭގައި އިސްރާފާއި ކޮރަޕްޝަން އިންތިހާއަށް ބޮޑެވެ. ރާއްޖެއަކީ ޑީސަލަށް ބަރޯސާވާ ގައުމަކަށް ވުމުން، ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ނޫނީ ކަރަންޓު ބިލުތައް އާންމު ރައްޔިތުންނަށް ނުދެއްކޭހާ ބޮޑެވެ.

ސިންގަޕޫރަކީ ބިމުގެ ޖާގަ ނެތް ގައުމެއް ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކާބޯތަކެތި އުފެއްދުމާއި (30-ބައި-30 ޕްލޭން)، އެކި ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދައިގެން ކާބޯތަކެތީގެ ސެކިއުރިޓީ ވަނީ ކަށަވަރުކޮށްފައެވެ.

ރާއްޖެއިން ބޭނުންކުރާ ކާބޯތަކެތީގެ 90% އަށްވުރެ ގިނަ ތަކެއްޗަކީ އިމްޕޯޓުކުރާ ތަކެއްޗެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމަކާއެކު ރާއްޖޭގައި އާންމު ދިރިއުޅުމުގެ ތަކެތީގެ އަގުބޮޑުވެއެވެ. އަމިއްލަ އުފެއްދުންތެރިކަން ކުޑަވުމުން ކާބޯތަކެތީގެ ރައްކާތެރިކަން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ސިންގަޕޫރު ކުރިއަރައި ދިޔައީ ދުރު ރާސްތާގެ ޕްލޭނެއް އޮވެ، ހަރުކަށިކަމާއެކު ގާނޫނު ތަންފީޒުކޮށް، ކޮރަޕްޝަނަށް ފިޔަވަޅު އަޅައި، މީހުންގެ ގާބިލު ކަމަށް ފުރުސަތު ދީގެންނެވެ. ރާއްޖެ ފަހަތަށް ސޮއްސާލައިގެން ދިޔައީ ސިޔާސީ ހަމަނުޖެހުމާއި، ކޮރަޕްޝަނާއި، ގާނޫނުގެ ކުރިމަތީގައި މީހުން ތަފާތުކުރުމާއި، ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *