ޓްރަމްްޕްގެ ދީނީ އެޑްވައިޒަރު 6 މަސް ދުވަހަށްފަހު ޖަލުން މިނިވަން ވެއްޖެ

ޓްރަމްްޕްގެ ދީނީ އެޑްވައިޒަރު 6 މަސް ދުވަހަށްފަހު ޖަލުން މިނިވަން ވެއްޖެ

އެމެރިކާގެ މަޝްހޫރު "ގޭޓްވޭ ޗާޗް" ގެ ފައުންޑަރ އަދި ޓްރަޕްގެ ދީނީ އެޑްވައިޒަރު ރޮބަޓް މޮރިސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި 6 މަސް ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު، 31 މާރިޗު 2026 ވަނީ މިނިވަންވެފައެވެ.

މި މައްސަލަ ފެންމަތިވީ 1980 ގެ އަހަރުތަކުގައި ރޮބަޓް މޮރިސް، އޭރު އުމުރުން އެންމެ 12 އަހަރުގެ ސިންޑީ ކްލެމިޝިއާއަށް އެތައް އަހަރެއް ވަންދެން ޖިންސީ ގޯނާކުރި ކަމަށް ބުނެ އޭނާ ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. މި ވާހަކަތައް އާންމުވުމާއެކު، 2024 ވަނަ އަހަރުގެ ޖޫން މަހު މޮރިސް ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މޮރިސް ވަނީ ކުޑަކުއްޖަކާ މެދު ބަދުއަޚްލާގީ އަމަލު ހިންގުމުގެ ފަސް ދައުވާއަކަށް އިއުތިރާފްވެފައެވެ. އޭނާއަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، ޕްލީ-ބާގެއިން އެއްބަސްވުމެއްގެ ދަށުން އޭނާ ޖަލުގައި ހޭދަކުރަން ޖެހުނީ އެންމެ 6 މަސް ދުވަހެވެ. ބާކީ އޮތް 9 އަހަރާއި ބައި އޭނާ ހޭދަކުރާނީ ޕްރޮބޭޝަނުގައެވެ.
އޭނާ މިނިވަންވުމާއެކު، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުޑަކުއްޖަކަށް ކުރި މިފަދަ ބޮޑު އަނިޔާއަކަށް 6 މަސް ދުވަހުގެ ޖަލު ހުކުމަކީ އިންސާފެއް ނޫނެވެ.

މި ހާދިސާގެ ޝިކާރައަކަށްވި ސިންޑީ ކްލެމިޝިއާ ބުނެފައިވަނީ، މޮރިސް މިނިވަންވުމަކީ ގާނޫނީ މަރުހަލާގެ ބައެއް ނަމަވެސް، ހަގީގަތް މިހާރު ދުނިޔެއަށް ހާމަވެފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ. އަދި އޭނާ ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ވަކާލާތު ކުރާނެ ކަމަށް ބުނެފައެވެ.
މިމައްސަލައާ ގުޅިގެން އޮކްލަހޯމާގައި ވަނީ "ސިންޑީ ކްލެމިޝިއާ އެކްޓް" ގެ ނަމުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި އޮންނަ މުއްދަތު ހަމަވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ފަށާފައެވެ.

މި މައްސަލައަކީ ދީނީ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން ހިންގާ ނޭދެވޭ އަމަލުތަކާއި، އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމުގައި ހުރި ބައެއް ބަލިކަށިކަންކަން ހާމަވެގެންދިޔަ މައްސަލައެކެވެ. ރޮބަޓް މޮރިސްއަކީ ޑޮނަލްޑް ޓްރަމްޕްގެ ވަރަށް އަރިސް ދީނީ މުޝީރެކެވެ .

2016 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ކެމްޕޭނުން ފެށިގެން، މޮރިސް ވަނީ ޓްރަމްޕްގެ "އިވެންޖެލިކަލް އެގްޒެކެޓިވް އެޑްވައިޒަރީ ބޯޑު" ގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭނާއަކީ ޓްރަމްޕްގެ "ސްޕިރިޗުއަލް އެޑްވައިޒަރެއް" ގެ ގޮތުގައި ގިނަ ބަޔަކު ދަންނަ، އަދި ވައިޓް ހައުސްގެ އެކި ދީނީ ބައްދަލުވުންތަކުގައި ގަވާއިދުން ބައިވެރިވި ފަރާތެކެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު، ޓްރަމްޕްގެ ރައީސް ކަަމުގައިވަނީ މޮރިސްގެ "ގޭޓްވޭ ޗާޗް" އަށް ޒިޔާރަތްކޮށް، ދީނީ އިލްމުވެރިންނާއެކު ރައުންޑްޓޭބަލް މަޝްވަރާއެއް ބާއްވާފައެވެ. 2024 ވަނަ އަހަރުގެ އިންތިޚާބަށް ޓްރަމްޕް ތައްޔާރުވަމުންދިޔައިރުވެސް، މޮރިސް ވަނީ އިވެންޖެލިކަލް ނުވަތަ ކްރިސްޓިއަން ވޯޓަރުން ޓްރަމްޕަށް ހޯދައިދިނުމުގައި ބޮޑު މަސައްކަތްތަކެއް ކޮށްފައެވެ.

ނަމަވެސް، 2024 ވަނަ އަހަރު މޮރިސްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތައް ފެންމަތިވެ، އޭނާ ކުށަށް އިއުތިރާފްވުމާ ގުޅިގެން، މިހާރު އޭނާގެ ނަން ބޭނުން ކުރެވެނީ "ކުރީގެ މުޝީރު" ގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *