ބަރުޒަޚުގެ ޙަޔާތް: ފުރާނައިގެ ދަތުރާއި ރޫޙާއި ނަފްސުގެ ތަފާތު

ބަރުޒަޚުގެ ޙަޔާތް: ފުރާނައިގެ ދަތުރާއި ރޫޙާއި ނަފްސުގެ ތަފާތު

ޝައިޚް ޑރ. ޔާސިރު ޤާޟީގެ "ދަ ލައިފް އިން ދަ ބަރުޒަޚް" ސިލްސިލާގެ ދެވަނަ ދަރުސުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ރޫޙާއި ނަފްސާ ދެމެދުގައިވާ ތަފާތަށާއި، މަރުވުމަށްފަހު އިންސާނާގެ ފުރާނަ ކުރާ ދަތުރަށެވެ.

މިއީ އަލްބަރާ އިބްނު ޢާޒިބްގެ ކިބައިން ރިވާވެގެންވާ މަޝްހޫރު ޙަދީޘެއްގެ މައްޗަށް ބިނާކޮށް ދެއްވާފައިވާ ވަރަށް މުހިންމު މަޢުލޫމާތުތަކެކެވެ.

ރޫޙާއި ނަފްސުގެ ތަފާތު:

ރޫޙު:

ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލާއިރު، 'ރޫޙު' ޢާއްމުގޮތެއްގައި ބޭނުންކުރެވެނީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގައިވާ ފުރާނައަށެވެ. މީގެ އިތުރުން ޤުރުއާނުގައި ޖިބްރީލްގެފާނަށާއި، ވަޙީއަށް އަދި ﷲ ގެ މަދަދަށްވެސް ރޫޙުގެ ނަމުން މުޚާޠަބުކުރައްވާފައިވެއެވެ.

ނަފްސު:

'ނަފްސު' ބޭނުންކުރެވެނީ ރޫޙާއި، ހަށިގަނޑު އަދި ބުއްދި ގުޅިގެން އުފެދޭ އެއްޗަކަށެވެ. އެބަހީ، ހިނގާބިނގާވެއުޅޭ ދިރިހުރި އިންސާނާއަށެވެ.

ހެޔޮލަފާ މުއުމިނަކު މި ދުނިޔެ ދޫކޮށްދާ ވަގުތު ޖެހުމުން، އުޑުން ރަޙުމަތުގެ މަލާއިކަތުން ފައިބައިވަޑައިގަންނަވާނެއެވެ . އެބޭކަލުންގެ މޫނުފުޅުތައް އިރު ފަދައިން އަލިވެގެންވާއިރު، އެބޭކަލުންނާއެކު ސުވަރުގޭގެ ކަފުނާއި ހުވަނދުވެއެވެ.

މަލަކުލްމައުތު ވަޑައިގެން އޯގާތެރިކަމާއެކު އެ ފުރާނަ ހަށިގަނޑުން ނެރުއްވައެވެ. ޖަގަކުން ފެން އޮހޮރޭ ފަދަ ލުއިފަސޭހަކަމާއެކު ފުރާނަ ނުކުމެގެން ދެއެވެ.

އުޑުތަކަށް އެ ފުރާނަ އުފުލިގެންދާއިރު، އެހެނިހެން މަލާއިކަތުން އެ ފުރާނައަށް މަރުޙަބާ ދަންނަވައި، ދުނިޔޭގައި އޭނާއަށް ކިޔައިއުޅުނު އެންމެ ރީތި ނަންތަކުން މުޚާޠަބުކުރައްވައެވެ . އެއަށްފަހު އޭނާގެ ނަން 'ޢިއްލިއްޔީން' (ސުވަރުގޭގެ މަތިވެރި ދަރަޖައެއް) ގައި ލިޔުމަށް ﷲ ތަޢާލާ އަންގަވައެވެ.

ކައްވަޅަށް ހަށިގަނޑު ލެވުމަށްފަހު ފުރާނަ ރައްދު ކުރެވެއެވެ. އަދި މުންކަރާއި ނަކީރުގެ ސުވާލުތަކަށް ޘާބިތުކަމާއެކު އޭނާ ޖަވާބު.ދެއެވެ.

ދެން އޭނާގެ ކައްވަޅަށް ތަނަވަސް ކުރެވި، ސުވަރުގޭގެ ނިޢުމަތްތަކާއި ހުވަނދު ކައްވަޅަށް ލިބެން ފަށައެވެ. އަދި އޭނާގެ ހެޔޮ ޢަމަލުތައް ރީތި ސިފައެއްގައި އައިސް އޭނާއަށް އުފާވެރިކަން ގެނެސްދެއެވެ.

މީގެ އިދިކޮޅަށް، ނުބައި ޢަމަލުތައް ކުރާ މީހުންނާއި ކާފިރުން މަރުވާ ވަގުތު އަންނާނީ ބިރުވެރި ސިފައެއްގައިވާ ޢަޒާބުގެ މަލާއިކަތުންނެވެ.

އެމީހުންގެ ފުރާނަ ހަށިގަނޑުން ނެރެވޭނީ ތެމިފައިވާ ކެހެރިގަނޑެއްގެ ތެރެއިން ދަގަނޑު ފުނާއެއް ދަމައިގަންނަ ފަދަ ވޭންދެނިވި ގޮތަކަށެވެ.

ފުރާނަ އުޑަށް އުފުލޭއިރު، ދުނިޔޭގައި އޭނާއަށް ކިޔައިއުޅުނު އެންމެ ހުތުރު ނަންތަކުން މަލާއިކަތުން މުޚާޠަބު ކުރައްވާނެއެވެ.

އުޑުގެ ދޮރުކޮޅުތައް އޭނާއަށްޓަކައި ހުޅުވައެއް ނުލެއްވޭނެއެވެ. އަދި އޭނާގެ ނަން ލިޔެވިގެންދާނީ ނަރަކަވަންތަވެރިންގެ ފޮތްކަމުގައިވާ 'ސިއްޖީން' ގައެވެ.

ކައްވަޅުގެ ސުވާލުތަކާއި ކުރިމަތިވާއިރު އޭނާއަށް އެއްވެސް ޖަވާބެއް ނުދެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ކައްވަޅު އޭނާއަށް ފިތި، ނަރަކައިގެ ހޫނާއި ޢަޒާބު އޭނާއާ ކުރިމަތިވާނެއެވެ .

މި ދަރުސުން އަޅުގަނޑުމެންނަށް ދޭހަވަނީ، މަރަކީ ކޮންމެ މީހަކާވެސް ބައްދަލު ކުރާނެ ޙަޤީޤަތެއް ކަމާއި، މަރުވުމަށްފަހު އޮންނަ ބަރުޒަޚުގެ ޙަޔާތް ބިނާވެފައިވަނީ މި ދުނިޔޭގައި އަޅުގަނޑުމެން ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް ކަމެވެ.

އެހެންކަމުން ދުނިޔޭގެ ޙަޔާތުގައި ﷲ އަށް ކިޔަމަންތެރިވެ، ބިރުވެތިކަމާއި އުއްމީދާއެކު ހެޔޮ ޢަމަލުކުރުމަށް އަވަސްވެގަތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. .. (ނުނިމޭ)

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *