އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
މިދިޔަ މަހުގެ 18ވަނަ ދުވަހު ހިނގި މި ހާދިސާއަށް މިހާރު މަސް ދުވަހެއް ވާން މި ވަނީ ގާތްވެފައެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި، މުޅި ރާއްޖެއަށް ފެންނާނެހެން އޭނާގެ އާއިލާގެ ފަރާތުން މީޑިއާތަކާ ފުރަތަމަ ފަހަރަށް ދިން އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުނީ މި ހާދިސާއާ ގުޅޭ މުހިންމު ބައެއް ވާހަކަތައް ޔުމްނު ހިއްސާކޮށްފައިވާ ކަމަށެވެ. ޔުމްނުގެ ދައްތަ ބުނީ ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށާއި އެރޭ ޔުމްނު އެ ގެއަށް ދިޔައީ އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
”އެކަމަކު ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއަކާ އެކީގައި،“ ޔުމްނުގެ ދައްތަ ބުންޏެވެ.
އެ ގޭގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެ އެެވެ.
ޔުމްނުގެ ދައްތަ ބުނި ގޮތުގައި، އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، މިއީ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް ދައްތަ ބުންޏެވެ.
”އެ ވީ ކަމަކީ، ޔުމްނުގެ އަނގައިގެން ބުނެފައިވަނީ، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަށް ނުވެއްޓެމޭ،“ ޔުމްނުގެ ދައްތަ ބުންޏެވެ.
”އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން ވެސް އިތުރު ހަތަރު މީހުން ހިމެނޭ. އެހެންވިމަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަދަމުންދިޔަ ދޮގުތަކާއި ދެން އެހެން ތަންތަނުން ހަދަމުންދިޔަ ދޮގުތަކުގެ އަސްލު ކިޔައިދޭން އައިސް މި ހުރީ.“
ޔުމްނު ވަނީ މި މައްސަލައިގައި އޭނާއަށް އިންސާފު ލިބޭނެތޯ ފަހު ބަހެއްގެ ގޮތުގައި އަހައިފައު ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
”އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ، އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހެއްޔޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،“ ދައްތަ ބުންޏެވެ.
ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މި ކަން ކުރުމަށްފަހު ޔުމްނު މަރުވާން، ފުރާޅު މައްޗަށް ދޫކޮށްލުމެވެ.
”މަރަށް ދޫކޮށްލައިފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލައިފައި ވެސް ދިޔައީ އެ މީހުން،“ ޔުމްނުގެ ދައްތަ ބުންޏެވެ