އެތައްހާސް ދިވެހި އުފެއްދުންތަކާއެކު މައުރަޒު ފަށައިފި

އެތައްހާސް ދިވެހި އުފެއްދުންތަކާއެކު މައުރަޒު ފަށައިފި

އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލާފައިވަނީ ދިވެހި ސަޤާފަތާ ގުޅުންހުރި ހަރަކާތްތަކާއެކުއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ވަނީ ބައްލަވާލައްވާފައެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ވަރަށް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް ވަނީ މި ފަހަރުގެ މައުރަޒުގެ ތެރެއިން ފެނިގެންދާނެއެވެ.

މީގެ އިތުރުން، މި މައުރަޒުގައި ދިވެހިވަންތަ ސަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ. އަދި މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ.

މި ތަކެތި ދައްކާލުމަށްޓަކައި މިއަހަރު މިވަނީ 7 ޑިސްޓްރިކްޓެއް ގާއިމުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ މައުރަޒުގައި ފެނިގެންދިޔަ 5 ޑިސްޓްރިކްޓާއި، މިއަހަރު އަލަށް ތައާރަފްކުރި އިތުރު 2 ޑިސްޓްރިކްޓެވެ. އަލަށް ތައާރަފްކުރި 2 ޑިސްޓްރިކްޓަކީ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓެވެ.

މައުރަޒުގެ ޑިސްޓްރިކްޓުތައް:

• މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް
• އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް
• ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް
• މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް
• ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ޚާއްޞަކޮށް ޤާއިމްކުރާ، މާކެޓްޕްލޭސް ޑިސްޓްރިކްޓް
• ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް
• ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް

މިއަހަރުގެ މައުރަޒުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިމަހުގެ 25 އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.

ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *