ސިއްޙީ ކަންކަމަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭހެއް އަންނަ މޭ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ފާމަސީއަކުންވެސް ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މިވަގުތު ބޭހުގެ ތާށިކަމެއް އެބަހުރި ކަމަށާއި އެ ދަތިކަން ކުރިމަތިވީ ސިއްޙީ ނިޒާމަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ފާމަސީ ތަކުން ބޭސް ލިބުމުގައި ކުރިމަތިވި ތާށިކަން ފިލުވާލައި ރަނގަޅު ނިޒާމެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީ އާއި ރައީސް އޮފީހާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާއި، އެސްޓީއޯ ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ނާޒިމް ވިދާޅުވީ ޓާގެޓަކީ މޭ 15 ގެ ކުރިން ހުރިހާ ޒަރޫރީ ބޭހެއް ހުރިހާ ބޭސް ފިހާރަ ތަކުންވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
" ރާއްޖޭގައި އޮންނަ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތައް އާންމު ބޭސް ފިހާރަ ތަކުން ލިބޭނެ އިންތިޒާމު ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަމަޖެހިގެން ދާނެ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯގައި އެކަމަށް ކުރިން އޮތް ނިޒާމުވެސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.