ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާއެކު، ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން މިއަދު ހުޅުވާލައިފިއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައި، ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އޮންނާނެ ކަމަށެވެ. ކުރިމަތިލެވޭނީ ޕޯޓަލް މެދުވެރިކޮށެވެ.
ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައ ވަނީ އުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުން ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައި ހުރުމެވެ.
ސުއޫދު އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ 6 ފަނޑިޔާރުންނެވެ. އޭގެތެރެއިންވެސް ދެ ފަނޑިޔާރަކު މިހާރު ތިއްބެވީ ސަސްޕެންޑް ކޮށްފައެވެ.