ކޯޓު ތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ 46 މެމްބަރުންގެ ވޯޓާއެކުގައެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ލިބުނީ 11 ވޯޓެވެ. އެހެންކަމުން އެ މައްސަލައިގެ ބަހުސް ކުރިޔަށް ނުގޮސް ނިމުނީއެވެ.
ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައިން، އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކުރުމާއި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓަށް ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދު ކުރެވޭ ގޮތަށް މަޖިލީހަށް ސަރުކާރުން އިސްލާޙެއް ހުށަހެޅި ކަމަށެވެ.
އަދި އެ ބިލު އެންމެ ދުވަހެއްގެ ތެރޭގައި މަޖިލީހުން ފާސްކުރުމާއި އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލު ކުރުމާއެކު ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިކަން ޝަމްހީދު ވަނީ ފާހަގަ ކޮށްފައެވެ.