އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މީހާގެ ބަންދަން ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު. ބަނަފްސާގެ، ހުސައިން އަރީޝް 31 އެވެ. އޭނާ ހައްޔަރުކުރީ ފިލަން މެލޭޝިޔާއަށް ދިއުމަށްފަހު މިމަހު 13 ވަނަ ދުވަހު ރާއްޖެ އައުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައި ވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް މެލޭޝިއާއަށް ދިއުމުން އެ ގައުމުން އޭނާ ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސްގެން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އަރީޝަކީ، ޑްރަގާއި އަނިޔާއެއް ދިނުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ 28 ކުށުގެ ރެކޯޑް އޮތް މީހެކެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް އަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ވަނީ ޖަހައިފައެވެ
One Response
Emeehaa ah maru theyoboa dhinumah fahu massala piece kohlaaa