ސްރީލަންކާއިން ރާއްޖެއައި މީހަކު ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި، ކުރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ ގއ. ވިލިނގިލީ މީހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، ސްރީލަންކާއިން ރާއްޖެ އައިއިރު މަސްތުވާތަކެތި ގެނައި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުލެއިން މާލެއައިސް ފޭބި ވަގުތު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބަހައްޓާފައި ހުއްޓާ ދެ ދުވަސްމަތިން ބޮޑުކަމުދިޔަ ތަކެތިން ޑައިމޯފިން ހުރި ބްލެޓް ސައިޒްގެ 9 ރަބަރު ޕެކެޓް ފެނުނު މައްސަލައިގައިގައެވެ.
ކުރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރުކޮށް އޭނާ ބުނެފައި ވަނީ، އެތަކެއްޗަކީ، އޭނާގެ އެއްޗެހި ނޫން ކަމަށާއ،ި އެއީ މަޖުބޫރީ ހާލަތެއް ދިމާވެގެން ކުރެވިފައިވާ ކަމެއްކަމާއ،ި އެތަކެއްޗަކީ އެހެން މީހެއްގެ ތަކެތިކަން އެމީހާގެ ފަރާތުން ބުނެފައިވާ ކަމަށާއި، އެތަކެތި ހޯދުމަށް ފުލުހުން މަސައްކަތް ކުރިއިރުވެސް އޭނާއަށް ބިރު ދެއްކުމާއ،ި ނުފޫޒު ފޯރުވާ އޮޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް އެ ތަކެއްޗަކީ، އޭނާގެ ތަކެތިކަން މައްސަލައިގައި ހުށަހެޅި ހެކިބަހުންނާއި، ވަށައިގެންވާ ކަންކަމަށް ބެލުމުން، ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް 25 ނޮވެމްބަރު 2019 ގައި ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
އޭނާގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ، 2020 ވަނަ އަހަރުގައެވެ. އޭނާ ވަނީ އިސްތިއުނާފީ ތިން ނުކުތާއެއް ހައިކޯޓަށް ހުށަހަޅައިފައެވެ.
އެ ނުކުތާ ތަކުގައި މައިގަނޑު ގޮތެއްގައި ސުވާލު އުފައްދާފައި ވަނީ މިމައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ސާބިތު ކުރުމުގައި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު އެކުލަވާލި ފަރާތް ހާޒިރުކޮށް ރިޕޯޓާއި ގުޅިގެން މުނާގަޝާ ކުރުމުގެ ފުރުސަތު ނުލިބުމާއި، އެތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވުމާއ،ި ފެނުނު ތަކެތީގެ މެދުގައެވެ. އެހެން ކަމުން މައްސަލައިގައި އޭނާގެ ފަރާތުން އެދިފައިވަނީ ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށެވެ.
އޭނާގެ އިސްތިއުނާފީ ނުކުތާ ތަކަށް ރައްދުދި ނުމަށްފަހު، ދައުލަތުން އެދިފައިވަނީ، ކުރިމިނަލް ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތް ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މިމައްސަލަ ބެލުމަށްފަހު ހައިކޯޓުން ކަނޑައަޅާފައި ވަނީ މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް ކަށަވަރު ކުރެވޭނީ މަސްތުވާތަކެތި ތަހުލީލު ކުރި ފަރާތް، ނުވަތަ އޭނާގެ ބަދަލު ހާޒިރު ކޮށްގެން ކަމަށާއި، ދަށު ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މިހެކިވެރިޔާ ހާޒިރު ނުކުރުމަށް ޝަރީއަތުން ނިންމާފައި ވަނ،ީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބުރަ ނުވެވޭތީ، މަސްތުވާތަކެތި ތަހުލީލު ކުރި ފަރާތް، ނުވަތަ އޭނާގެ ބަދަލު ހާޒިރުކޮށް މިވާގިއާ ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި މިމައްސަލަ ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން އެމީހާ އުމުރަށް ޖަލަށްލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ހައިކޯޓުން މި މައްސަލައިގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ އަލީގައި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ފޮނުވައިލި ކަމަށް އިއްޔެ ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.