ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓުގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައާ ގުޅޭ ބައެއް ހެކިން ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ އެމީހުންގެ ހެކިބަސް ނުނަގަން ނިންމުމަށްފަހު، އެމީހުން ތިބިތަން އެނގިފައިވާ ކަަމަށް ދައުލަތުން ބުނުމުން، އެމީހުންގެ ހެކިބަސް ނަގަން ކޯޓުން ފަހު ފުރުސަތު ދީފިއެވެ.
އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ކަތިވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
މީގެކުރިން ބޭއްްވި މި މައްސަލައިގެ އަޑުއެހުމުގައި، ރާއްޖޭން ބޭރުގައި ތިބި ހެކިވެރިން ތިބި ތަނަކާ ބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވި ނަމަވެސް މިހާތަނަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް އަންގާފައި ނުވާ ކަަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި އެމީހުން ތިބި ތަނެއް ނޭނގޭތީ އެމީހުން ހޯދަން އިންޓަޕޯލް އެހީއަށް އެދިފައިވާ ކަަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެހެން ކަމުން ގާޒީ މީގެކުރިން ވިދާޅުވީ ހެކިން ހޯދުމަށް އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށާއި، އެމީހުން ހޯދަން އިތުރު މަސައްކަތެއް ނުކުރާނެ ކަމަށެވެ.
މި މައްސަލައިގައި ހެކިބަސް ނުނެގި ރާއްޖޭން ބޭރުގައި އުޅޭ ހެކިވެރިންނަކީ، އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ލަންކާގެ ހަ މީހެކެވެ. އޭގެއިތުރުން އެއްލައިދޫ ރިސޯޓުގައި އޭރު މަސައްކަތް ކުރި އަދި މައްސަލައިގެ ތަހުގީގަށް މެޑިކަލް އެގްޒަމިން ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުވެސް ހިމެނެއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލު އަޝްފާގު ނައީމް ވިދާޅުވީ އެ ހެކިން ތިބި ތަން މިހާރު ސާފުވެއްޖެ ކަމަށެވެ. އަދި އެ ހެކިންތަކަކީ ވަރަށް މުހިންމު ހެކިންތަކެއް ކަމަށާއި، ލަންކާގައި ތިބި އެ ހެކިންގެ ހެކިބަސް އެމްބަސީ މެދުވެރިކޮށް ނެގުމުގެ ފުރުސަތަކަށް އެދުނެވެ.
އެ ކަމާގުޅިގެން ގާޒީ އިބްރާހީމް އިހުސާން ވަނީ އެމީހުންގެ ހެކިބަސް ނެގުމަށް ފަހު ފުރުސަތެއް ދިނުމަށް ނިންމަވައިފައެވެ. އެ ގޮތުން އަންނަ ޖެނުއަރީމަހުގެ ދެވަނަ ދުވަހަކަށް ހަތް ހެކިން ހާޒިރު ކުރުމަށް ތާވަލު ކުރަން ނިންމެވިއެވެ.
ކައްކާއަށް ވަޅިން ހަމަލާދީ މަރާލީ، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައި ނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިންނެވެ.