އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެށި ބަޖެޓު ބަހުސްގައި ފުރަތަމަ ފުރުސަތު ލިބިވަޑަގެންނެވި މެންބަރުގެ ގޮތުގައި ވާހަކަ ދައްކަވަމުންނެވެ.
"ކަނޑައެޅިގެން ޤާނޫނާ ޚިލާފު ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މިއީ ފުރަތަމަ ފަހަރު، ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމާބެހޭ ޤާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ވަކި އަދަދެއް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލު ތަކަށް ދޭންޖެހޭނެ ކަމަށް ބުނޭ، މިއީކީއެއް އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއެއްގެ ހެޔޮފުޅުކަމުން، އެ އިރެއްގައި ހުންނަ ފިނޭންސް މިނިސްޓަރުގެ އަރިހަށް ކައުންސިލަރުން ކުރާ ޒިޔާރަތަކުން ކަނޑައެޅޭ އަދަދެއް ނޫން ކަމަށް މި ރައްޔިތުންގެ މަޖިލީހުން ނިންމީ ވަރަށް މުހިންމު ބޭނުމަކަށްޓަކައި، އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތުގެ ބަޖެޓު ހުށަހެޅިގެން ދާއިރު ކަނޑައެޅިގެން ޤާނޫނާ ޚިލާފު އަދަދު ތަކެއް ކަނޑައެޅި، ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ޖެހި ރައްޔިތުންގެ މަޖިލީހަށް މި ބަޖެޓު ހުށަހެޅިފައިވާ މަންޒަރު، އެހެން ގައުމެއްގައިނަމަ، ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭނެ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލްގެ ވާހަކާގައި ފާހަގަ ކުރެއްވީ، ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާގޮތާ ހިލާފަށް ކައުސިލްތަކަށް ބްލޮލް ގްރާންޓް ދިނުމަށް 2025 އަށް ހުށަހަޅާފައިވާ ބަޖެޓްގައި ކަނޑައަޅާފައި ވާތީއެވެ. ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ބަޖެޓުގެ 5 ޕަސެންޓް ބޮލޮކް ގްރާންޓުގެ ގޮތުގައި ދޭންޖެހެއެވެ. ނަމަވެސް ބަޖެޓް ހުށަހެޅިއިރު އެ އަދަދު އޮތީ، 2 ޕަސެންޓް ކަމަށް ކަނޑައަޅައިފައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.
ނަމަވެސް ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ބްލޮކް ގްރާންޓު ގާނޫނުގައިވާ ގޮތަށް ދިނުމަށްޓަކައި މަދުވާ ބައި، ކޮންޓިންޖެންސީ ބަޖެޓުން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އޭގެ ފަހުން މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދު ހަަމަ ކުރުމަށް ބޭނުންވާ އަދަަދު ކަމަށްވާ 699.6 މިލިއަން ރުފިޔާއާ ހަމައަށް ބަޖެޓުގެ ޖުމުލަ އަދަދު އިތުރު ނުވާނެ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.