ފުރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު 25 އަހަރަށް ޖަލަށްލުމަށް ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ލާފައިވަނީ ޅ. ކުރެންދޫ، އަބްހަރުގެ، ހުސައިން ހަލީމެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
ހުސައިން ހަލީމް، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުގައި 2020 ޖޫން 20 ގައި ހައްޔަރު ކުރިއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކުރެންދޫ ފަޅުތެރޭގައި އޮތް މަސް ލޯންޗަކުންނެވެ.
ޙަލީމް ހައްޔަރުކޮށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި ވަނިކޮށް، އޭނާ އިށީނދެ އިން ގޮނޑި ކައިރިން ކަޅު އަދި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ފުލުހުންނަށް ފެނުނެވެ. އެއާ ގުޅޭގޮތުން ފުލުހުން ސުވާލު ކުރުމުން، އެއީ ފުރަގަސްފަރާތުގައި ރައްކާކޮށްފައިވާ އެއްޗެއް ކަމަށާއި އެ އެތި ބޮކްސާ ތެރެއަށް ވެއްޓުމުން އިށީދެ އިން ގޮނޑި ކައިރިއަށް ވައްޓާލީ ކަމަށް ހުސައިން ހަލީމް ބުނެފައިވެއެވެ.
ގޮނޑިކައިރިން ނެގި އެތި ބެލިއިރު، އެއީ މަސްތުވާތަކެތި ކަމަށް ބެލެވޭ 6 ރަބަރު ޕެކެޓު އޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ. 6 ރަބަރު ޕެކެޓުގެ އިތުރުން 5 ރަބަރު ޕެކެޓެއް ފުރަގަސްފަރާތުގައި ވާނެކަމަށް ހުސައިން ހަލީމް ބުނުމުން ފުލުހުން ވަނީ "އިންޓިމޭޓް ސާޗް" އަމުރެއް ހޯދުމަށްފަހު، ހުސައިން ހަލީމް ޑޮކްޓަރަކަށް އެކްސްރޭ ނަގައި ފަސޭހައިން ބޭސް ދީފައެވެ. ހުސައިން ހަލީމު ބޮޑު ކަމުދިޔުމުން، އޭނާ ކުރިން ބުނިހެން އޭނާގެ ފުރަގަސްފަރާތުން ކަޅު އަދި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް 5 ރަބަރު ޕެކެޓު ވެއްޓުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ހުސައިން ހަލީމުގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ހުކުމް ހުސައިން ހަލީމުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުގައި އޭނާގެ ފަރާތުން ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހެއްގެ ޖިންސީ ގުނަވަން ބަލައި ފާސްކުރުމަށާއި، ފޮޓޯ ނެގުމާއި ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލައިގައި ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިން ދީފައިވާ ހެކިބަހުގައި ޖިންސީ ގުނަވަން ބަލައި ފާސް ކުރުމަށްޓަކައި ކޯޓު އަމުރެއް ހޯދާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އެ އަމުރު ދައްކާފައި ނުވާ ކަމަށް ހުސައިން ހަލީމުގެ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުސައިން ހަލީމުގެ ފަރާތުން ބުނެފައިވަނީ އޭނާގެ ބެލުމުގެ ދަށުގައި އޮތް މަސްތުވާ އެއްވެސް އެއްޗެއް ފެނިފައި ނުވާކަން ތަހުގީގު މަރުހަލާގައިވެސް ދަށު ކޯޓުގައި ފާހަގަ ކޮށްފައި ވާނެކަމަށެވެ.
"ފޯލިއޯ ނަންބަރު 16 ގައިވާ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގެ އެއްވެސް ސަފްހާ އަކުން އިސްތިއުނާފުކުރާ ފަރާތުން އިށީނދެ އިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަން ރިސެޕްޝަން ގޮނޑި ދަށަށް ވައްޓާލި ކަމުގައި ބުނާ މުސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތީގެ ފޮޓޯއެއްވެސް ފެންނަން ނެތް ކަމަށެވެ. އެހެން ކަމުން ޕްރޮސިކިއުޝަނުން އެ ބުނާ ބުނުމާއިމެދު ސުވާލު އުފެދޭ ކަމަށް ހުސައިން ހަލީމް ބުނެފައިވެއެވެ.
ހުސައިން ހަލީމުގެ ފަރާތުން އެދިފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލު ކޮށްދިނުމަށެވެ. ނަމަވެސް އެ ހުކުމް ދަމަހައްޓަން ޖެހޭކަން ފާހަގަ ކުރައްވައި އިސްތިއުނާފީ ނުކުތާގެ ރައްދުގައި ދައުލަތުން ވިދާޅުވެފައި ވަނީ އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު ތެރޭގައި ފޮރުވާފައިވާ އެއްޗެއް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު އެކްސްރޭކޮށް ބަލައި ފާސްކޮށް، ފޮޓޯ ނަގާފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމާ މެދު ސުވާލެއް ނެތް ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ޤާނޫނާ ޚިލާފަށް ހޯދި ހެކި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާ ވާހަކައަކީ ޤާނޫނީ އަސާސެއް އަދި ބަހުސެއް ނެތް ވާހަކަ ތަކެއް ކަމަށާއި ހަށިގަނޑު ތެރެއިން ސާމްޕަލް ނެގުމުގެ ކުރިން އެ އަމުރު އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ނުވަތަ ހޮސްޕިޓަލަށް ގެންދަންޖެހޭ ނުވަތަ ޑޮކްޓަރަށް އެ އަމުރު ދައްކަންޖެހޭ އަދި ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނަގާ ވަގުތު ނުވަތަ ބަލައި ފާސްކުރާ ވަގުތު އެކަން ތަންފީޒު ކުރަން ތިބި ފުލުހުންގެ އަތުގައި އަމުރު އޮންނަންޖެހޭ ޤާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
"ދައުލަތުން ހުށަހެޅި ފޮޓޯ ރިޕޯޓަށް ބެލުމުން މި މައްސަލައިގައި ހެކިން ހެކިބަސް ދިން ފަދައިން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ އެއްޗެއް ފެނިފައިވަނީ އިސްތިއުނާފުކުރާ ފަރާތް އިށީނދެގެން އިން ގޮނޑިކައިރިން ކަމަށާއި، އޭގައި ބޮޑުކަމުދާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރިކަން އެނގޭ ކަމަށެވެ. މީގެއިތުރުން އިސްތިއުނާފުކުރާ ފަރާތް ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު ފަދަ އެއްޗެއް އަދި ބޮޑުކަމުދާތަކެތި ހޭކިފައިވެސް އޮތް އެއްޗެއް މީނާ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގައި އިށީނދެގެން އިން ގޮނޑީގެ ކައިރިން ފެނުމަކީ އިއްތިފާގެއް ނޫން ކަމަށާއި، އެއީ އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުގައި އޮތް އިސްތިއުނާފުކުރާ ފަރާތް ގެންގުޅުނު އެއްޗެއް ކަމަށް ބަލައި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނީ ނުވަތަ ޝަރުއީ އުސޫލަކާއި ހިލާފަށް ނޫން ކަމަށެވެ،" ދައުލަތުން ވިދާޅުވެފައިވެއެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒު މައްސަލައިގެ ހުކުމުގެ ރައުޔުގައި ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނެތި މީހަކު ބަލައިފާސް ނުކުރެވޭނެ ކަމަށެވެ. މީހަކު ބަލައި ފާސްކުރާނެ އަސާސީ ހަމަތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ "ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ގަވާއިދުގައިވާ ގޮތުން މީހެއްގެ ރުހުން އޮވެއްޖެނަމަ، ބަލައި ފާސްކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި ރުހުން ނެތް ނަމަވެސް ވަކި ހާލަތެއްގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ބަލައިފާސް ކުރެވޭނެ ކަމަށެވެ.
އެ ގާނޫނުތަކާއި ގަވާއިދު ތަކުގައިވާ ގޮތުން ތިން ވައްތަރެއްގެ ބަލައިފާސް ކުރުމެއްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ފުރަަތަމަ ވައްތަރަކީ "ޕެޓް ޑައުން ސާޗް" ކަމަށާއި ގާނޫނުގައި އެ ބާވަތުގެ ބަލައިފާސް ކުރުން ކަމަށް ބަޔާން ކުރަނީ "އޭނާ ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައިފާސް ކުރުން" ކަމަށެވެ. އެއީ އާންމު އުސޫލުން މީހަކު ބަލައިފާސް ކުރަން ޖެހޭ ގޮތް ކަމަށާއި އެ ބާވަތުގެ ބަލައިފާސްކ ުރުމުގައި "އެމީހެއްގެ ޖިންސީ ގުނަވަނާއި އެހެން ތަންތަނަށް، ލައިގެން ހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން" ހިމެނޭ ކަމަށެވެ.
ދެވަނަ ގޮތަކީ "ސްޓްރިޕް ސާޗު" ކަމަށާއި އެ ބާވަތުގެ ބަލައިފާސް ކުރުމަކީ މީހަކު ލައިގެން ހުންނަ އަންނައުނު ހިއްލައިގެން ނުވަތަ ބާލުވައިގެން، އޭނާގެ ހަށިގަނޑު ބަލައިފާސް ކުރުން ކަމަށެވެ. މި ބާވަތުގެ ބަލައިފާސް ކުރުމަށް ކޯޓު އަމުރެއް ހޯދަންވާނެ ކަމަށެވެ.
"އިންޓިމޭޓް ސާޗް" އަކީ ކޮބައިކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށާއި ނަމަވެސް މިއީ ޖިންސީ ގުނަވަނެއް ބަލައި ފާސް ކުރުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މިކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ "އިންވޭސިވް ސާޗް"އަކީ ހައްޔަރުކޮށް ބަންދުގައި ހުންނަ މީހާގެ ހަށިގަނޑުގެ އެތެރޭގައި ނޫނީ ހަށިގަނޑުގައި ހުޅުވިފައި ހުންނަ ގުނަވަން ތަކުން ގުނަވަނެއްގެ އެތެރޭގައި ހެއްކެއް، މުދަލެއް، ގާނޫނާ ހިލާފު އެއްޗެއް ރައްކާކޮށްފައިވޭތޯ ބެލުމާއި އެ އެއްޗެއް ނެގުމަށް ބަލައި ފާސްކުރާ ކުރުން ކަމަށެވެ. އުސޫލެއްގެ ގޮތުން ބައެއް ޖުރިސްޑިކްޝަން ތަކުގައި އިންސާނާގެ އަނގަ ފިޔަވައި، އަނެއްބައި ޖުރިސްޑިކްޝަން ތަކުގައި އަނގަޔާއި ނޭފަތާއި ކަންފަތް ފިޔަވައި، އިންސާނާގެ ހަށިގަނޑުން ހުޅުވިފައި ހުންނަ ދޮރުތައް އަމަލީ ގޮތުން ބަލައިފާސް ކުރުން ކަމަށެވެ. މިއީ ކޯޓު އަމުރު ބޭނުންވާ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި ކޯޓުން އަމުރު ކޮށްފައިވަނީ ހުސައިން ހަލީމުގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިތޯ ބެލުމަށް ޖިންސީ ގުނަވަން ބަލައިފާސްކޮށް، ފޮޓޯނަގައި، އަދި ހަށިގަނޑުގެ އެކްސްރޭ ނަގައި، ހެކި ހޯދުމަށް ކަމަށެވެ. އެކަން ކުރުމުގެ ގޮތުން ސްޓްރިޕް ސާޗެއް ނުވަތަ އިންޓިމޭޓް ސާޗެއް، ނޫނީ އިންވޭސިވް ސާޗެއް ހެދިކަން އެނގޭކަށް ނެތް ކަމަށާއި ހުސައިން ހަލީމްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ބޮނޑިވަރެއް ރައްކާކޮށްފައި އޮންނާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ދީފައިވާތީ، އިންޓިމޭޓް ސާޗެއް ނޫނީ އިންވޭސިވް ސާޗެއް ހަދަންޖެހޭ އިތުރު ސަބަބެއް ނެތުމުން އެކަން ޔަގީން ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ ޑޮކްޓަރަށް ދައްކައިގެން އެކްސްރޭ ނެގުން ކަަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ހައްޔަރުކޮށް ބަންދުގައި ހުރި މީހެއްގެ ހަށިގަނޑުގެ އެކްސްރޭ ނެގުމަށްޓަކައި އަމަލު ކުރަންޖެހޭ އިޖުރާއަތާއި އިންވޭސިވް ސާޗެއް ހެދުމަށް އަމަލު ކުރަންޖެހޭ އިޖުރާއަތް އެއްގޮތްވުމުގެ މާނައަކީ އެކްސްރޭ ނެގުމަކީ އިންވޭސިވް ސާޗެއް ކަމަށް ވުމެއް ނޫނެވެ. ހުސައިން ހަލީމް ޑޮކްޓަރަށް ދެއްކީ ހުސައިން ހަލީމްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ބުނެގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ގާނޫނާއި ގަވާއިދުގައި މިފަދަ އަމުރެއް މުއްތަހަމަށް ދައްކަންޖެހޭ ކަމަށް ބަޔާނެއް ނުކުރެއެވެ. އޭނާ ރުހުން ނުދިނަސް ކޯޓު އަމުރެއްގެ ދަށުން އެ އަމުރުގައިވާ ގޮތަށް ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަ މީހާގެ އިންޓިމޭޓް ސާޗް އަދި އިންވޭސިވް ސާޗް ހެދޭނެއެވެ. އަދި ތަހުގީގާ ގުޅިގެން އޭނާގެ ހަށިގަނޑުގެ އެތެރޭގައި އޮތް އެއްޗެއް ނެގުމަށްޓަކައި ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނަގައި އިޖުރާއަތާ އެއްގޮތަށް އެ އެއްޗެއް އޭނާގެ ހަށިގަނޑުން ނެގޭނެއެވެ." ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން ހުސައިން ހަލީމުގެ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްފައިވާ މަސްތުވާތަކެތި ފުލުހުން ހޯދީ ގާނޫނާ އެއްގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"މި ދައުވާގައި ބަޔާންކުރާ މަސްތުވާތަކެތީގެ ހިޔާޒަތު (ބެލުމުގެ ދަށުގައި) ހުސައިން ހަލީމާ ގުޅުމެއް ނެތްކަމަށް ހުސައިން ހަލީމުގެ ފަރާތުން މި ބުނާ ބުނުމަކީ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ބުނާ ބުނުމެވެ.
ހުސައިން ހަލީމް އިން ގޮނޑިދަށުން ފެނުނު މަސްތުވާތަކެއްޗާއި، ހުސައިން ހަލީމު ބޮޑުކަމު ދިއުމުން ވެއްޓުނު ތަކެއްޗާއި، ބަންދު ކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ އެތީގައިވެސް ހުރީ ކަޅާއި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައެވެ. ގޮނޑިދަށުން ފެނުނު ބޮނޑިވަރުގައި އޮތީ 6 ޕެކެޓެވެ. ހުސައިން ހަލީމްގެ ހަށިގަނޑުގައި އަދި 5 ޕެކެޓް ރައްކާކޮށްފައި ވާނެކަމަށް ހުސައިން ހަލީމް މައުލޫމާތު ދިންއިރު، ހުސައިން ހަލީމް ބޮޑުކަމު ދިއުމުން ވެއްޓުނު ބޮޑިވަރު، ނިއުޅައި ބެލިއިރު އޭގައި ހަމަ އޮތީ 5 ޕެކެޓެވެ. ވީމާ، ހުސައިން ހަލީމާއި މިތަކެތީގެ ހިޔާޒަތު ނުގުޅުވޭނެ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ.،" ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން ފާހަގަ ކުރައްވައި ފަނޑިޔާރު ނިޔާޒު ރައުޔު ކަނޑައެޅުއްވީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއިދު ކުރެއްވިއެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާާގުން ފަނޑިޔާރު ނިޔާޒު ކުރެއްވި މައްސަލައިގެ ހުކުމުގައި ވިދާޅުވީ ހުސައިން ހަލީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.