ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަތައް ރިވިއު ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
ޔާމީންގެ ފަރާތްޕުޅުން ރިވިއު ކޮށްދިނުމަށް އެދިފައިވާ މައްސަލަތަކުގެ ތެރޭގައި ވ. އާރަށް އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ މައްސަލަތައް ހިމެނެއެވެ. ނަމަވެސް މި ދައުވާތަކާ މެދު ޕީޖީ އޮފީހުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރަން އެދުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އެ ފުރުސަތުގައި ޖުމްލަ 539 މައްސަލައެއް ރިވިއު ކުރަން ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފައެވެ.