ޓެކްސް ބޮޑު ކުރުމަށް ޤާނޫނުތައް ބަދަލުކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބިލަށް މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި، އިސްލާހުތައް ހުށަހަޅަމުން ދަނިކޮށް، އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފައްދާ ސަބް ކޮމިޓީއަކަށް ފޮނުވަން ނިންމައިފިއެވެ.
އޭގެ ތެރެއިން ފުރަތަމަ ބިލަކީ، އަންނަ ޖޫން މަހުން ފެށިގެން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، (ޓީޖީއެސްޓީ) 17 ޕަސެންޓަށް ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ހުށަހެޅުއްވި ބިލެކެވެ.
މިބިލްގައި ވަނީ، މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ ބިލްގައި ވެއެވެ. އެކަމުގެ ސަބަބުން ދައުލަތަށް އިތުރު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވެއެވެ.
ދެވަނަ ބިލަކީ ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ނޫނީ ޓޫރިޒަމަށް ތަންތަން ނުދެވޭގޮތަށް ގާނޫނު ބަދަލު ކުރުމަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެންނައުމަށް، ސަރުކާރުގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި ބިލެކެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން 50 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ ބޮލަކަށް ހަ ޑޮލަރެވެ. އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ ތިން ޑޮލަރެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުން، ގްރީން ޓެކްސްގެ ގޮތުގައި މިހާރު ހަ ޑޮލަރު ދައްކަންޖެހޭ ފަރާތްތަކުން ދައްކަން ޖެހޭނީ 12 ޑޮލަރެވެ. ތިން ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ދައްކަންޖެހޭނީ ހަ ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ ބޮޑުވުމެކެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން މިގެންނަ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި މި ޓެކްސް ބޮޑުކުރުމުން އަންނަ 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިޔަން ރުފިޔާއިން އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމާ ގުޅޭ އުސޫލަށް ބައެއް ބަދަލު ގެނައުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދެވަނަ ނަމްބަރު އުނިކުރަން ބިލްގައި ހުށަހަޅާފައިވާ އިރު، އެ ނަމްބަރުގައި ބުނަނީ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދަންވާނެ ކަމަށެވެ.
ގާނޫނުގެ ފަސްވަނަ މާއްދާގެ (ޅ) ގައި ބުނަނީ މި މާއްދާގެ ދަށުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންގެ މަޝްވަރާއާ އެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި އާއްމު ކުރަންވާނެއެވެ. އަދި ލިސްޓަށް އުނި އިތުރު ގެންނަން ބޭނުންވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާ އެކު އެލިސްޓަށް އުނި އިތުރު ގެނައުމުގެ އިހުތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެއެވެ. މި މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ހުރިހާ ތަނެއް، ރައީސުލްޖުމްހޫރިއްޔާއަށް ބަދަލު ކުރަން ހުށަހަޅައިފައެވެ.
އެގޮތުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން އާއްމު ކުރަންވާނެ ކަމަށް ހިމަނާފައިވާ އިރު، އެ ލިސްޓަށް އުނި އިތުރު ގެނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާ އެކު ކަަމަށްވެސް ބުނެފައިވެއެވެ.
ތިންވަނަ ބިލަކީ ޑީޕާޗާ ޓެކްސް ބޮޑުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެވެ. އަންނަ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން އިކޮނޮމިކް ކްލާހުން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް އެ ބިލުން ވަނީ ނިންމައިފައެވެ.
ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރު ކުރާ ދިވެހީންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.
މި ބިލް ހުށަހެޅުއްވީ، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އެވެ.
އެންމެ ފަހު ބިލެއްގެ ގޮތުގައި ހިމެނެނީ، ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ބިލެކެވެ.
މިބިލުން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓުތަކާއި އެ އެއްޗެހީގެ ބައިބައިން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސަންޓަށް ބޮޑުކުރުމަށެވެ.
ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިލަކުން ވެސް 50 ޕަސަންޓަށް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިރު، އެއީ މިލިލީޓަރަކަށް އަށް ރުފިޔާއެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ ވެސް 50 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އެއީ ސްޓިކަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 200 ޕަސަންޓަށެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ހުށަހެޅި ބިލް އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފިނުވަން ފާސްކުރީ އިއްޔެއެވެ. ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިމަހުގެ 16 ވަނަ ދުވަހު އަދި ޖީއެސްޓީ ބޮޑުކުރުުގެ ބިލް ފޮނުވީ 15 ވަނަ ދުވަހުއެވެ.
މި ބިލްތައް ދިރާކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް ބިލްތަކަށް އިސްލާހު ހުށަހަޅައި ތާއީދުވެސް ލިބުނެނެވެ. ނަމަވެސް ވޯޓަށް އެހީ އެ ބިލްތައް ދިރާސާކުރުމަށް، މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ހިމެނޭ ސަބް ކޮމިޓީއަކަށް ފޮނުވަން ހުށަހެޅި ހުށަހެޅުން ތަކަށެވެ.