ޖަލަށް ޑްރަގާއި ފޯނު ވެއްދުން: ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފި

ޖަލަށް ޑްރަގާއި ފޯނު ވެއްދުން: ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފި

ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ތަކެތި ފޯރުކޮށްދެމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރުންގެ ތެރޭގައި ހިމެނޭ ކ. މާފުށި، މާވިނަ ޒަޔާން އަހުމަދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ ވަޒީފާގައިހުރެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، ހުއްދަނޫން ކަންކަން ހިންގައި އެކަންކަމުގެ މާލީ މަންފާ ހޯދައ،ި އަދި އެކަމުގައި ޝާމިލްވާ މީހުންގެ ނަންމަތީގައި ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކު ތަކުގައި ހުޅުވާފައިވާ އެކައުންޓުން، ޒަޔާން އަދާކުރަމުންދާ ވަޒީފާއާ ނުބައްދަލު ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވީ، އެކަމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޒަޔާން، މާފުށި ޖަލު އާމަރީ ކުރިމަތިން ޖޫން މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށް، ކުރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. އެފަހަރު ކޯޓުން ވަނީ  ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

މި މައްސަލައަކީ އޭނާ ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށްބުނެ ކުރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބެލި މައްސަލައެކެވެ.  ޒަޔާންގެ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ އެއްމެ ނުކުތާއެކެވެ.

އެ ނުކުތާގައި ފާހަގަކޮށްފައި ވަނީ، އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާފައި ވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެ ނުކުތާގައި ބުނެފައި ވަނި ޒަޔާންއަކީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށާއ،ި އޭނާ ހައްޔަރުކުރީ މާފުށީގައި ހުއްޓާ ކަމަށްވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާއާއި ޚިލާފަށް ކަމަށެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވުނީ މާލެ ފިޔަވައ،ި އެހެން ރަށަކުންނަމަ، އެމީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައ،ި ހާޒިރު ކުރަންޖެހޭނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ވަނިކޮށް އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި ވަނީ އެ މާއްދާއާ ޚިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޒަޔާންގެ ބަންދާމެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅާފައި ވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައ،ި ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރު ނެރެފައި ވަނީ ގާ ނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓުގައި އޭނާގެ ފަރާތުން އެދުނެވެ.  ނަމަވެސް ދައުލަތުން އެދުނީ އިސްތިއުނާފުކޮށްފައިވާ އަމުރު ނެރެފައި ވަނީ ގާނޫނާ ޚިލާފަށް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ބުނެފައި ވަނީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވުނީ މާލެ ފިޔަވައި އެހެން ރަށަކަށްވެފައި، އެއީ މެޖިސްޓްރޭޓް ކޯޓެއް ހުންނަ ރަށެއްނަމ،ަ އެ މީހަކު ބަންދުކުރިތާ 24 ގަޑިއިރު ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމު ގެ އިހުތިސާސް އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ވާކަން ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި އެ މީހަކު ހައްޔަރުކުރި ރަށުގެ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމެން ނެތް ހާލަތެއްގައިވެސް، އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން ޖެހެނީ އެ ދާއިރާއަކާ ހަވާލުވެ ހުރި މެޖިސްޓްރޭޓް ކަނޑައަޅާ އެ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކުންކަން އެނގޭކަމަށްވެސް ބުނެފައިވެއެވެ.

އެކަންތައްތަކަށް ބަލާއިރު، މި މައްސަލައިގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ކްރިމިނަލް ކޯޓަށް ލިބޭނެ ގޮތެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ޒަޔާން ބަންދު ކުރުމަށް ކުރުމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލް އަމުރެއް ކަަމަށް މި  މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ގާޒީގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *