ބޭންކްގެ ކަސްޓަމަރުންގެ 4 ލައްކައަށްވުރެގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މުވައްޒަފު މުޖުތަމައަށް ޚިދުމަތް ކުރަން ހުކުމް ކޮށްފި

ބޭންކްގެ ކަސްޓަމަރުންގެ 4 ލައްކައަށްވުރެގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މުވައްޒަފު މުޖުތަމައަށް ޚިދުމަތް ކުރަން ހުކުމް ކޮށްފި

ބޭންކް އޮފްމޯލްޑިވްސް (ބީއެމްއެލް) ގެ 13 ކަސްޓަމަރެއްގެ 480،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ޚީޔާނާތްތެރިވި މައްސަލައެއްގައި އެ ބޭންކުގެ ކަސްޓަމާރ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކު، ޖޫރިމަނާކޮށް މުޖުތަމައަށް ޚިދުމަތް ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ބ. އޭދަފުށީ، ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ.  ދައުލަތުން އޭނާއަށް ކުރި ޚިޔާނާތްތެރި ވުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ، މާޒިން އަދާކުރި މަގާމުގެ ގޮތުން އޭނާއަށް ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުން ކޮށްގެން އެކި ދުވަސް މަތިން ބީއެމްއެލްގެ 13 ކަސްޓަމަރެއްގެ މައުލޫމާތު ބޭންކުގެ ސީއާރުއެމް ސިސްޓަމުން ބަދަލުކޮށް ކަސްޓަމަރުންގެ ހުއްދަ ނެތި، އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށް އެ ކަސްޓަމަރުންގެ އެކައުންޓް ތަކުން 482،611 ރުފިޔާ ސައްޙަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުންނާއި، ފޮރެކްސް ޓްރާންސެކްޝަންގެ ގޮތުގައި އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން އަމިއްލަ ފައިސާގެ ގޮތުގައި އެ ފައިސާއިން މުއާމަލާތް ކޮށްފައިވާ ކަމަށެވެ.

އޭނާ އެކަން ކޮށްފައި ވަނީ 18 ސެޕްޓެމްބަރު 2012 އިން ފެށިގެން 26 އޮކްޓޫބަރު 2021 ގެ ނިޔަލަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.  މާޒިން އެ ދައުވާއަަށް އިއުތިރާފުވިއެވެ. އެހެން ކަމުން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާ ދެމެދު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

ޚިޔާނާތްތެރި ވުމުމުގެ ކުށަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.  ނަމަވެސް ޕީޖީ އޮފީހުން، މާޒިންއާއެކު ހެދި އިއުތިރާފު އެއްބަސްވުމާއި ގުޅިގެން އަދަބުގެ ދަރަޖަ ދަށްކޮށް، 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް، 40 ގަޑިއިރުވަންދެން މުޖުތަމައަށް ހިދުމަތް ކުރަން އެންގުމާއެކު 56،200 ރުފިޔާއިން މާޒިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ އިއްޔެ ވަނީ ހުކުމް ކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ އިއްޔެ އިން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި މީރާއަަށް ދެއްކުމަށް ވެސް އޭނާގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *