އަމިއްލަ ކުންފުންޏެއް ކަމަށްވާ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ހިދުމަތް ތަކަަށް 255،832 ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ފޯރުކޮށްދީފައިވާ ހިދުމަތް ތަކަށް ދައްކަންޖެހޭ އަގު އަދާކޮށްފައި ނުވާތީ އިނޮވިކްސް ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ އަގަށްވާ 5.1 މިލިޔަން ރުފިޔާ އާއި އެ ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން އިނޮވިކްސް އަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 151،190 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 518،368 ރުފިޔާއާއެކު ޖުމްލަ 5.8 މިލިޔަން ރުފިޔާ ފެނަކައިގެ ފަރާތުން ފޯރުމަށް ވަނީ ހުށަހަޅައިފައެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމްގައި ވަނީ، މި ދައުވާގައި އިނޮވިކްސް އިން ހޯދުމަށް އެދިފައިވާ ފައިސާ ފިކްސްޑް ޑިޕޮސިޓް އެކައުންޓްގައި ބެހެއްޓުނުނަމަ އިނޮވިކްސް އަށް ލިބޭނެކަމަށް އަންދާޒާކޮށް ހޯދުމަށް އެދިފައިވާ 151،190 ރުފިޔާ އަކީ ނަގައިދެވޭނެ ފައިސާއެއްނޫން ކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި މި ދައުވާގައި، އިނޮވިކްސްގެ ސްޓޭޓްމަންޓްގައި ބަޔާން ކޮށްފައިވާ 27،560 ރުފިޔާ އާއި އެ ފަރާތުން ފޮނުވާފައިވާ ދެ އިންވޮއިސްގެ ދަށުން ހޯދުމަށް އެދިފައިވާ 15،552 ރުފިޔާ އާއި 12،720 ރުފިޔާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ފެނަކައިން އިގްރާރު ވެފައިވާތީ އެބައިގެ ޖުމްލަ 55،832 ރުފިޔާ އާއި، ޝަރީތުގެ ހަރަދުގެ ގޮތުގައި އިނޮވިކްސް އިން ހިމަނާފައިވާ 200،000 ދެ ލައްކަ ރުފިޔާއަކީ ފެނަކައިން ދައްކަންޖެހޭ ފައިސާއެއް މކަމަށް ކަނޑައަޅައި އެކު ޖުމްލަ 255،832 ރުފިޔާ އިނޮވިކްސް އަށް ލިބިދިނުމުގެގޮތުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައިގެން މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.