ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރަން މަޖިލީހުން ފާސް ކޮށްފިއެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އައްބާސް ޝަރީފާއެކު 5 ބޭފުޅުން އެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނަކީ:
މަރްޔަމް ނިހާޔަތު، މ. ތާޖް
އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ
އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް
އަހްމަދު ޔާމީން، ހ. ދިއްލީގެ
އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02
މި ބޭފުޅުންގެ ތެެރެއިން ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް އެދި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމަށްފަހު އައްބާސްގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ. އެކަމާ ގުޅިގެން އައްބާސްއާ ގުޅޭ މައްސަލައެއް އޮތް ނަމަ އިއްޔެ މެންދުރު 12:00ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން އާއްމުކޮށް ހުޅުވައިލިއެވެ.
އެ މުއްދަތު ހަމަކޮށް ޕީޖީ ކަމުގެ ޝަރުތު ފުރިހަމަވޭތޯ އިއްޔެ ކޮމިޓީން ވަނީ އައްބާސްއާއި އިންޓަވިއު ކޮށްފައެވެ. އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓްގެ މަގާމުގައި މި ވަގުތު ހުންނެވި އައްބާސް އަށް މަޖިލީހުން ދިނުމަށްއެދި ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށް ކޮމިޓީރިޕޯޓް މަޖިލިސް ތަޅުމަށް މިއަދު ހުށަހެޅިއެވެ.
ޕީޖީ މަގާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން ފާސް ކުރީ، އެ ރިޕޯޓްގައިވާ ގޮތުގެ މަތިންނެވެ.
ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.