2017 ވަނަ އަހަރުގެ ތެރޭގައި މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައަކާއި ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައިވާ ފަރާތެއްގެ ވަކީލު އަޑު އެހުމަށް ހާޒިރު ނުވުމުން، ކްރިމިނަލް ކޯޓުން 250 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު އެ މައްސަލައިގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައެވެ. އެއީ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު، ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފް، ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.
ދައުވާ ލިބޭ ފަރާތް ތަކުން މާލޭގެ ފަސް ސަރަހައްދެއްގައި ބޮމެއް ގޮއްވާލުމަށް މަސައްކަތް ކުރި ކަމަށް ދައުލަތުން މީގެކުރިން ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑު އެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުވާ ލިބޭ ނާސިއު މުހައްމަދުގެ ވަކީލު އިސްމާއިލް މުހައްމަދު، މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމެއް ހާޒިރުވެފައި ނުވާތީ އެކަމުގެ ސަބަބު ސާފުކޮށް ދިނުމަށް އެދިފައެވެ. އެ އަޑު އެހުން ބާއްވާފައި ވަނީ އޮގަސްޓު 5 ގައެވެ.
އިސްމާއިލް މުހައްމަދު ވިދާޅުވީ އެ އަޑު އެހުމަށް އޭނާއަށް ހާޒިރު ނުވެވުނީ ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އޭނާ ރާއްޖެއިން ބޭރަށް ދާން ރިޓާން ޓިކެޓް ނެގިއިރު އަޑު އެހުން ބާއްވާ ދުވަހަށް ރާއްޖެއަށް އާދެވޭ ގޮތަށް ޓިކެޓް ލިބިފައިނުވާ ކަމަށެވެ. އަދި އެއީ ސަރުކާރު ބަންދު ދުވަސް ތަކެއް ކަމަށް ވަކީލު ވިދާޅުވިއެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެ އަޑު އެހުމަށް ހާޒިރުވުމަށް އަންގައި އޮގަސްޓު ފަހެއްގައި ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ. ކޯޓަށް ހާޒިރު ވުމަށް ޗިޓް ފޮނުވާފައި ވަނިކޮށް އިސްމާއިލް އަހުމަދު ރާއްޖެއިން ފުރައިގެން ދިޔައީ ކޯޓުގެ ހުއްދަ ނުހޯދައި ކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިސްމާއިލް އަހުމަދު ވިދާޅުވީ އޭނާ ރާއްޖެއިން ބޭރަށް ދިޔައީ ސަރުކާރު ބަންދު ދުވަސް ތަކެއްގައި ކަމަށެވެ. އެހެންވެ ކޯޓުން ހުއްދަ ހޯދަން ޖެހޭނެކަން ގަބޫލު ނުކުރެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ އިސްމާއިލް އަހުމަދުގެ ފަރާތުން ޝަރީއަތަށް ހާޒިރުނުވި ސަބަބު ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ނުކުރެއްވޭ ކަމަށެވެ. ކޯޓަށް ހާޒިރު ވުމަށް ޗިޓް ފޮނުވުމުން، ވަކީލުންވެސް ރާއްޖެއިން ބޭރަށް ދާންޖެހޭނީ ކޯޓުގެ ހުއްދަ ހޯދައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގައި އިސްމާއިލް އަހުމަދު 250 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތަކީ ހެކ ިބަސް ނެގުމަށް ބޭއްވި ޝަރީއަތެއް ނަމަވެސް ދައުވާ ލިބޭ ޝިމާން ޝަރީފަށް ވަކީލަކު ހަމަޖެހިފައި ނުވާތީ ހެކިބަސް ނެގުން ވަނީ ކެންސަލް ކޮށްފައެވެ. ޝަރީއަތުގައި ވާހަކަ ދައްކަމުން ޝިމާން ބުނީ، އޭނާ ވަނީ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް އަދި ކުރިމިނަލް ކޯޓަށް ފޯމު ހުށަހަޅައިފައި ކަމަށެވެ.
ޝިމާންގެ އެ ވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ އެ ފޯމުގައި ބައެއް މައުލޫމާތު ހިމަނާފައި ނުވާތީ އެ ފޯމު ބަލައި ނުގަނެވޭނެ ކަމަށެވެ. ޝިމާން ހުށަހެޅި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ބައެއް ލިޔެކިޔުންތައް ކަމަށްވާ ކައިވެނީގެ ސެޓްފިކެޓާއި ބޭންކު ސްޓޭޓްމެންޓު ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޝިމާން ޝަރީފަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖެހެން ދުވަސް ތަކެއް ނަގާނެތީ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ. އަދި ވަނީ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވާ އަޑު އެހުންވެސް ކެންސަލް ކޮށްފައެވެ. ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގައި އަޑު އެހުމެއް ބާއްވާނެ ދުވަސް ކޯޓުން އަންގާނެ ކަމަށެވެ.
ޝަރީއަތުގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ދައުލަތުން ވިދާޅުވީ ދައުވާ ލިބޭ ފަރާތްތަކުން ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގަން އުޅޭކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ވަނީ ހަތަރު ތަނެއް ބަލައިފާސްކޮށްފައި ކަމަށެވެ. އެއީ މއ. ކިނާރާ ހައުސް އަދި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ނަމޫނާގޭގެ އިތުރުން މ. ވޯލްނަޓްއެވެ.
އެތަންތަން ބަލައި ފާސް ކުރުމުގެ ތެރޭގައި އައިއީޑީ ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ފެނިފައިވާ ކަމަށާއި ދައުވާ ލިބޭ ފަރާތްތަކުން މަސައްކަތް ކުރީ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ދުވަހަކު އައިއީޑީ ބޭނުން ކޮށްގެން އެ ޖަލްސާއަށް ހަމަލާ ދިނުމަށް ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރި މުހައްމަދު ތަސްލީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންވެސް އުޅުނު މައްސަލައިގައި ހިމެނޭ މީހެކެވެ.