ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޚިޔާލު ހޯދުމަށް ގަރާރެއް ހުށަހަޅައި، ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރު ވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
މި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލިސް ތަކުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިދާރީ ދާއިރާ ތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުން ދާކަން ފާހަގަކޮށްފައެވެ.
ޤާނޫނު ހަދާ މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރު ވަމުންދާ ދިއުމަށް މަޖިލީހުން ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ގަރާރު ހުށަހަޅުއްވަމުން ޝުޖާ ވިދާޅުވިއެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އާންމުކޮށް ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާގުޅޭ ގޮތުން މީގެކުރިންވެސް މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.