ސަފީރުންގެ ގޮތުގައި ތޯހާ އާއި އަބްރުއްރަހީމް އައްޔަން ކުރަން ފާސް ކޮށްފި

ސަފީރުންގެ ގޮތުގައި ތޯހާ އާއި އަބްރުއްރަހީމް އައްޔަން ކުރަން ފާސް ކޮށްފި

ރާއްޖޭން ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރުކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، ގ. ކަނޑިތޮޅިއާގެ އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ، އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އަބްދުއްރަހީމް މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު، 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އެޕްރީލް 18، ގައެވެ.

އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވި ތޯހާއަކީ ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިގެން މިދިޔަ މެއި މަހު މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅެކެވެ. ނަަމަވެސް މިފަހަރު މަޖިލީހަށް ފޮނުވާފައިވަނީ ސައޫދީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ ބަދަލުގައި ޕާކިސްތާނަށް އައްޔަން ކުރެއްވުމަށެވެ.

މުހައްމަދު ތޯހާ އަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ހާސިލްލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯހާ މިހާރު ގެންދަވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ޕީއެޗްޑީ ހައްދަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *