މަންމައާ ދިމާލަށް، ތިޔައީ މަރާލަން ވެފައިހުރި މީހެއް ކަމަށް ބުނެ، އަމިއްލަ މަންމައަށް އަނިޔާކުރި މީހަކު ހަ މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ރައްކާތެރި ކުރުމުގެ އަމުރަކާ ޚިލާފު ވެގެން ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ހ. ގާޑްން ބިއުޓީ އިބްރާހިމް އިކްރާމްގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ، އޭނާގެ މަންމަ އާއިޝަތު ސައީދާއަށް އަނިޔާ ނުކުރުމަށާއި، ބަހުގެ ހަމަލާ ނުދިނުމަށާއި، ނަފްސާނީ ގޮތުން އަނިޔާ ނުކުރުމަށާއި، މާލީގޮތުން ނުވަތަ އިގްތިސާދީ ގޮތުން ދަތި ނުކުރުމަށާއި، ބިރު ނުދެއްކުމަށާއި، ގޯނާ ނުކުރުމަށާއި މުދަލަށް ގެއްލުން ނުދިނުމަށް ޖޫން 2022 ގައި ސިވިލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ އަމުރާ ޚިލާފު ވެގެންނެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރި ދައުވާގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ އަމުރާ ޚިލާފުވެ، 24 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން އެކި ދުވަސް މަތިން އެކި އަނިޔާތައް އޭނާގެ މައްމައަށް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މަންމަ ނިދާކޮޓަރީގައި އޮއްވައި، "ތިއީ ޝައިތޯނެކޭ، އަދި ޖަނަވާރެކޭ ބުނެ، މަރާލަންވީ ކަމަށް ބުނެ ބިރުދައްކައި އޭނާގެ އަތުން މަންމަގެ ދެ އަތުގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، ގޭގެ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި މަންމަ އިންދައި އެއްލި ލައިޓަރަކުންޖެހި އަނިޔާ ވުމާއި، އޭނާގެ ދެއަތުން މަންމަގެ ބޮލުގައި ތަޅައި، އަނިޔާ ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި މަންމަ ނިދާކޮޓަރީގައި އިންދައި ގޮސް އޭނާގެ އަތުގައި ފައިން ތަޅައި، އަނިޔާ ކުރުމާއި، އޭނާގެ މަންމަ އާދިމާލަށް 500 އެމްއެލްގެ ފެންފުޅިއެއް އެއްލުމުގެ ސަބަބުން މޭމަތީގައި ޖެހި އަނިޔާ ވުމާއި، ދެފޫޓު ހުންނަވަރުގެ އެސްލޯން ހޮޅިބުރި އަކުން ތަޅައި، ތަކުރާރުކޮށް ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަވަސް އަމުރާ ޚިލާފެވަފައިވާ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
މި ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން ދައުވާ ސާފުވެއްޖެ ކަމަށް ބުނެ، ދައުވާގައި ބަޔާން ކޮށްފައިވާ އެންމެހާ ކަންތައްތަަކަށް އިއުތިރާފުވާ ކަމަށް އިކްރާމް ވަނީ ބުނެފައެވެ. އަދި ދައުވާގައި ވާގޮތަށް އެހާދިސާތައް ހިނގާފައިވާ ކަމަށާއި، އެއީ އެއްވެސް ނުފޫޒެއް މަޖުބޫރުކަމެއް ނެތި އޭނާ ވާ އިއުތިރާފެއް ކަމަށްވެސް ބުނެފައިވެއެވެ.
އިކްރާމްގެ އިއުތިރާފުން، އެއީ ޤާނޫނުގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ދައުވާއެއް ކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން އިބްރާހިމް އިކްރާމް 6 މަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.