ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު

މޫސަގެ ހަށިގަނޑު ފާސް ކުރަން އޭސީސީީގެ މައްޗަށް ނެރުނު އަމުރު ބާތިލް ކޮށްފި

މޫސަގެ ހަށިގަނޑު ފާސް ކުރަން އޭސީސީީގެ މައްޗަށް ނެރުނު އަމުރު ބާތިލް ކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު ހުއްޓުވައި، ބަލައި ފާސް ކުރުމަށް އޭސީސީގެ މައްޗަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މޫސާ ނާޝިދު، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން، ކޮރަޕްޝަނުގެ އަމަލު ތަކެއް ހިންގަމުން ދާކަމަށް ބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން، އެސޯސިއޭޝަން ހިންގުމުގައި އެތަނަށް ބޭނުންވާ މުދަލާއިި ޚިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުކޮށް، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން، ނާޖާއިޒު މަންފާ ހޯދުމާއި، ހޯދައިދީފައި ވާކަމަށް ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ ހެކި ހޯދުމަށް ތަންތަނާއި ތަކެތި ބަލައި ފާސް ކުރުމުގެ ތިން އަމުރެއް ކުރިމިނަލް ކޯޓުން އޭސީސީގެ މައްޗަށް ނެރުނެވެ.

އޭގެތެރެއިން ތަންތަނާއި ތަކެތި ބަލައި ފާސް ކުރުމާގުޅޭ ދެ އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ، ޖިނާއީ ޢިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާން ކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާއި ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސް ކުރުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށް ކަމަށް އެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި، ބަޔާން ކޮށްފައިވާ ކަމަށެވެ.

އަދި އެންޓި–ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި، އެ ނޫން ޤާނޫނަކުންވެސް އެފަދަ ބާރެއް އެ ކޮމިޝަނަށް ދީފައިވާކަން ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާކަމަށް ދައުލަތުން އެއްބަސް ވާތީ އާއި އެފަދަ ބާރެއް އެ ކޮމިޝަނަށް ލިބިފައިވާކަން ޤާނޫނަކުން ކަނޑައެޅި ބަޔާން ކޮށްފައި ނުވާތީ މޫސަ ހުއްޓުވައި، ބަލައި ފާސް ކުރުމަށް އޭސީސީގެ މައްޗަށް ނެރެފައިވާ އަމުރަކީ ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

މޫސަގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ކަންތައްތަކާއި ގުޅޭ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާ ތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައް ތަކުގެ ތެރޭގައި، އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނިވެސް، 300،000 ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އޭގެއިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒު ވެފައެވެ. އޭގެއިތުރުން އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާ ޚިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުންވެސް ހިމެނެއެވެ.

މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ އެސޯސިއޭޝަނުގެ އިންތިޚާބު އިއުލާނުކޮށް، އާ އިންތިޚާބެއް ބާއްވަން މަސައްކަތް ކޮށްފައިވާއިރު، އެ އިންތިޚާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް މިހާރު ވަނީ މަޑުޖައްސާލަން އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *