ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު، އަމިއްލަ ގޮތުން ވާދަށްކޮށްގެން އިންތިޚާބު ވެއްޖެނަމަ އެ ގޮނޑިއަށް ވާނެ ގޮތަކާމެދު ސުވާލު އުފެއްދިޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހުގެ 16 ވަނަ ދުވަހު އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު ތަސްދީގު ކުރައްވައިފައެވެ. އެއާއެކު އެ ބިލު ވަނީ ޤާނޫނަކަށް ވެފައެވެ.
ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް:
– ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން.
– ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރު ކުރުމުން.
– މެންބަރަކު އިންތިހާބުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ، އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދި އެ މެންބަރަކު ޕާޓީން – ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.
ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރު ކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.
– އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.
ޤާނޫނު ބުނާ ގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އީސީ އިން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް މި ޤާނޫނުގައި ވެއެވެ.
މެންބަރު ކަމުން ވަކިވާ ހާލަތްތަކުގައި ނުވަތަ ގޮނޑި ގެއްލޭ ހާލަތުތައް ޤާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު، އަމިއްލަ ގޮތުން ވާދަށްކޮށްގެން މަޖިލީހަށް ހޮވިއްޖެ ނަމަ އެ ގޮނޑި އަކަށް ވާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ އެ ޤާނޫނުން ހައްލު ނުހޯދޭ ކަމަށް އޭނާއަށް ފެންނަ ތިން ކަމެއް ފާހަގަ ކުރައްވައި އެކަމާމެދު ސުވާލު އުފައްދަވައިފައެވެ.
"1-ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެއެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެއެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟. 2- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވައިގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ޙައިސިއްޔަތުން އިންތިހާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެ ދެ ހާލަތުންކުރެ ހަލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި-ޑިފެކްޝަން ޤާނޫނުން ފެންނަން ނެތީމައި އޭނާ ހިތުގައި ސުވާލު އުފެދުނީ ކަމަށެވެ. އަދި ވިދާޅުވީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތުންކުރެ ހާލަތަކަށް އިސްވެ ދެންނެވުނު ޤާނޫނުގައި ބަޔާން ކޮށްފައިވާ މެންބަރަކު، މަގާމުން ވަކިވާނެ ހާލަތު އެންޓި ޑިފެކްޝަން ގާނުނުގައި ބަޔާންކޮށްފައިވޭތޯ ކަމަށް ސުވާލު ކުރައްވާ ކަމަށެވެ.
ޤާނޫނު އަސާސީގެ 72 ވަނަ މާއްދާއަކީ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައިވާ ގޮތުން މަޖިލީހުގެ މެންބަރަކަށް ވެވޭނީ ދިވެހި ރައްޔިތަކަށްވެފައި، ބޭރުގެ ރައްޔިތަކެއް ކަމުގައިނުވާ މީހުންނަށާއި ސުންނީ ޖަމާއަތަކަށް ނިސްބަތްވާ މީހުންގެ އިތުރުން 18 އަހަރު ފުރިފައިވާ މީހުންނަށާއި ބުއްދި ސަލާމަތުން ހުންނަ މީހުންނަށެވެ.
One Response
ޕާޓީއަކަށް ނިސްބަތްވިޔަސް، އަމިއްލަ މިނިވަން ކެޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް މަޖިލީހަށް ހޮވިއްޖެޔާވެސް، ހަމަ ޖެހޭނީ އިސްތިފާ ދޭށެވެ.