ދެން ފެންނާނީ ވާހަކައިގެ ބަދަލުގައި އަމަލު، މުޅި ޓީމު އޮންނާނީ 24 ގަޑިއިރު މަސައްކަތުގައި: ރައީސް

ދެން ފެންނާނީ ވާހަކައިގެ ބަދަލުގައި އަމަލު، މުޅި ޓީމު އޮންނާނީ 24 ގަޑިއިރު މަސައްކަތުގައި: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ރައްޔިތުން ދީފައިވާ ކަމަށާއި، ދެން ފެނިގެންދާނީ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލުން ކަންކުރާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި 20 ވަނަ މަޖިލިސް އިންތިޚާބުގައި ޕީއެންސީ އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާއެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެއެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޕީއެންސީ އިން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި "ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދެން އޮތީ ނަތީޖާ ނެރެދެއްވުން ކަމަށާއި މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައިވެސް ދަތި އުނދަގުލުގެ ތެރެއިން ގިނަ ނަތީޖާ ތަކެއް ނެރެދެއްވާފައިވާ ކަމަށެވެ.

މަޖިލިސް މެޖޯރިޓީއާއެކު ދެން ފެށިގެން ދާނީ ރާއްޖެ ތަރައްގީވުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު، އަޅުގަނޑުގެ ކެބިނެޓް މެމްބަރުންނަށާއި ކުންފުނި ތަކުގެ ވެރިންނަށް އަދި އަޅުގަނޑުމެންގެ އިއްޒަތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސްމަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ، ތިޔަބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުން ވަނީ ރައްޔިތުންނަށް ތަރައްގީ އަޅުގަނޑު ވައުދުވީ ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ނުބައި މިސްރާބަކަށް ރާއްޖެ ދަނިކޮށް ރައްޔިތުންގެ މަސައްކަތުން މި ގައުމު ވަނީ ރަނގަޅު މިސްރާބަކަށް ރިޔާސީ އިންތިޚާބުގައި ގެނެސް ދީފައި ކަމަށް ރައިސް ވިދާޅުވިއެވެ. މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދިނުމުން ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި ތަރައްގީ އަދި ހަމަޖެހުންކަން ސާފުވެގެން ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އިގްތިސޯދު ރަނގަޅު ކުރުމަށް މަސައްކަތް ތަކެއް ކުރެވުނު ކަމަށާއި ދެން އޮތީ މަޖިލިސް ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށްވެސް ރައީސް މިރޭ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *