އިއްޔެ ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ވާދަ ކުރެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި މުލަކު ދާއިރާއަށް ވާދަ ކުރެއްވި ސަލީމުގެ ދަރިފުޅު އިބްރާހިމް ނައުފަލް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިއިރު، ކާށިދޫ ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ މީހަރުގެވެސް މެމްބަރު އަބްދުﷲ ޖާބިރާއި މަހިބަދޫ ދާއިރާއަށް ވާދަ ކުރެއްވި ޖާބިރުގެ ދަރިފުޅު އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
މަޖިލިސް އިންތިޚާބުގައި ސަލީމް އާއި ދަރިކަލުން މަޖިލީހަށް ވާދަ ކުރެއްވީ ޕީއެންސީ ޓިކެޓްގައެވެ. މިއީ ސަލީމް މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ، ސަލީމް ގޮނޑި ދިފާއު ކުރެއްވީ ފަސް ކެންޑިޑޭޓުންނާ ވާދަ ކުރައްވައި 65 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ނައުފުލަލް މުލަކު ދާއިރާގެ ކާމިޔާބު ކުރެއްވީ 57 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މިއީ ނައުފަލް މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކާށީދޫ ދާއިރާއަށް ޖާބިރުގެ އިތުރުން ހަ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުންތަޒިމް އިބްރާހިމްއެވެ. މުމްތާޒް ހޮވުނީ 1،217 ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގަތީ 355 ވޯޓެވެ.
މަހިބަދޫ ދާއިރާއަށް ވާދަކުރެއްވި ޖާބިރުގެ ދަރިފުޅަށް މުއާޒަށް އެ ދާއިރާއިން ލިބިވަޑައިގެންނެވީ 898 ވޯޓެވެ. މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުންދާ އަހުމަދު ތޯރިގެވެ.