މާޔޫސްވެއްޖެ، ޑިމޮކްރަސީ ހިފެހެއްޓުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނަން: ފައްޔާޒު

މާޔޫސްވެއްޖެ، ޑިމޮކްރަސީ ހިފެހެއްޓުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނަން: ފައްޔާޒު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއިން މާޔޫސްވެއްޖެ ކަމަށް އެ ޕާޓީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އިއުލާން ކުރަން ފަށައިފައެވެ. ވަގުތީ ނަތީޖާގައިވާ ގޮތުން ޕީއެންސީއަށް 71 ގޮނޑިއާއެކު ޕީއެންސީން ވަނީ ސުޕަރ މެޖޯރިޓީ ހޯދައިފައެވެ. އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ.

ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ވަނީ އެމްޑީޕީއަށް، އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

"މިއަދުގެ ނަތީޖާއީން މަޔޫސްވެއްޖެ، މީ އެމްޑީޕީ އިން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޕާޓީގެ ސިޔާސަތުތައް ކިޔައިދޭންވި ވަގުތު. އެމްޑީޕީ މެމްބަރުން ތިބޭނީ ސަރުކާރާ ގުޅިގެން ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށް ތައްޔާރަށް" ފައްޔާޒު ވިދާޅުވިއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށްވެސް ފައްޔާޒު ވަނީ މަރުހަބާ ދަންނަވައިފައެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ހަ މެމްބަރަކު ގޮނޑި ކަށަވަރުކުރެއްވިއެވެ. އެމްޑީއޭއަށް ދެ ގޮނޑި ކަށަވަރު ވިއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް އެއް ގޮނޑިއަށް ކަށަވަރުވިއެވެ.

ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އިން އިންތިހާބުގައި ވާދަ ކުރިނަމަވެސް އެއްވެސް ގޮނޑިއެއް ކަށަވަރުނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *