މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިތުރު ދައުރަކަށް ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް އިންތިހާބު ކާމިޔާބު ނުކުރެވި ނާކާމިޔާބީ ކުރިމަތިވެވަޑައިގެންފިއެވެ.
އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ. އޭނާ މިފަހަރު ވާދަކުރެއްވީ ފަސްވަނަ ދައުރަކަށެވެ. މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އަސްލަމް އާއެކު ޖުމުލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވީ، ސިނާ އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމްއެވެ. މިއީ އެ ދާއިރާގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އީވާއަށް ވަނީ ގެއްލިފައެވެ. އީވާ ވަނީ މަޖިލީހުގައި ތިން ދައުރު އަދާ ކުރައްވައިފައެވެ. އީވާ މި ފަހަރުގެ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ދަ ޑިމޮކްރެޓްސް ފަރާތުންނެވެ. އޭނާއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.