ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެންއެފް)އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އަޒުލު ކުރައްވަން ބޭނުން ވިޔަސް، އެ މަނިކުފާނު އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލް ކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފައެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފްގެ ތެރެއިން ބޭފުޅަކު ރައީސް މުއިއްޒު އަޒުލު ކުރެއްވުމަށް ވާހަކަ ދެއްކިނަމަވެސް، އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ. އެއް ބޭފުޅަކަށް ޕީއެންއެފްގެ ފިކުރު ހާމަ ކުރެވޭނީ އަދި ތަމްސީލު ކުރެވޭނީ ހަމައެކަނި އެ މަނިކުފާނުކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކަހަލަ ކޮމްޕަލްޝަންއަށް ބޭސްކޮށްފައި އެއްވެސް ކަހަލަ އުސޫލެއް ނެތި ޑްރައިވް ކުރާ އެޖެންޑާ ތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމޭ. އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުއިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސް ތަކެއް ހުރެގެން ބޮޑެތި މައްސަލ ަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން" ޔާމީން ވިދާޅުވިއެވެ.
ޕީއެންއެފްއިން އެންމެ އިސްކަމެއް ދީގެން ކުރާނީ މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކަމަށް ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުގެ ފަރާތުން އެ މަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަންތައްތަކެއް ފެނިގެންދާ ކަމަށާއި އެގޮތުން އެއްވެސް ފެންވަރެއް ނެތް މީހުންނަށް ވަޒީފާ ދިނުމާއި ތައުލީމީ ޒުވާނުން ބާކީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަކި އާއިލާ ތަކެއްގެ މީހުންނަށް ތައުލީމާއި ތަޖުރިބާ ނެތަސް މި ސަރުކާރުން ވަޒީފާ ލިބެމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ހިއްކާފައިވާ ބިން ތަކެއް ބޭރުގެ ބަޔަކަށް ވިއްކާލާފައި ކަމަށާއި އެފަދަ ކަންކަން ގަބޫލު ނުކުރެއްވޭނެ ކަމަށާއ އެ ހުރިހާ ކަންކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ ގޯސް ކަންތައްތަކެއް ހިނގާނަމަ ސަރުކާރަށާއި ރައީސް މުއިއްޒަށް ފާޑު ވިދާޅުވާނެ ކަމަށެވެ.