އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނަތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތު ވުމުގެ ސަބަބުން ކުރިމިނަލް ކޯޓުންކުރި 11 އަހަރުގެ ހުކުމް، ހައި ކޯޓުން ބާތިލު ކުރުމުން އެނގިގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާކަން ކަމަށް ރައީސް މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލް ކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފައެވެ.
އެއާއެކު އަބްދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ﷲ ހަމްދު ކުރައްވައިފައެވެ. އެއަށްފަހު ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.
"ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހީން ބޭނުން ވަނީ ރައީސް މުއިއްޒު ފަދަ ފަދަ ބަހާއި އަމަލާ ދިމާވާ ވެރިން ކަމަށެވެ.
އަބްދުއްރަހީމުގެ ވާހަކަ ތަކަށް ރައްދު ދެއްވާ ހައި ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަންވުމުން ރައީސް މުއިއްޒަށް، އަބްދުއްރަހީމް ޝުކުރު އަދާކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ލުއި ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ ލުއި ލިބުނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިހުސާންތެރިކަމުގެ ސަބަބުން ކަމަށް ނޫން ކަމަށެވެ.