ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ ސަރުކާރު ވައްޓާލައި ބަދަލު ކުރަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީގެ ހަތަރު ދުވަސް ފަހުން ބާއްވާ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ކެމްޕޭނުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި އަދި އެކަން އެ މަނިކުފާނު ބަލައިގަންނަ ކަމަށެވެ.
"އެހެން ނަމަވެސް މިހާރު އިދިކޮޅު ފަރާތް ތަކުން ޕޯޑިއަމް ތަކުގައި ކޮން ވާހަކައެއްތޯ ދައްކަވަނީ؟ ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ކުރީގެ ދިޔަ މިސްރާބު ކަމުނުގޮސްގެން ދިވެހިންގެ އަތް މައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައޮއްވާ އެކަން ކުރަން ފަށައިފަ އޮތް ސަރުކާރެއް އަނެއްކާވެސް އެކިކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލު ކުރުމާ، އަޒުލު ކުރުމާ މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު އެ ބޭފުޅުންނަށް ކެތް ނުވެގެން އިންތިޚާބު ގާތްވާން ފެށީމަ ފާޅުގަ ސާފުކޮށް މި ވިދާޅުވާންވެސް ފެށީނޫންތޯ. އޭގެކުރިން ވިދާޅުވީ ޖަވާބުދާރީ ކުރުވާ ވާހަކަ. ރަނގަޅު ޖަވާބުދާރީ ކުރުވަންޖެހޭނެ، އެކަމަކު ޖަވާބުދާރީ އެ ލަފްޒު އެ ބޭފުޅުން މާނަ ކުރަނީ ސަރުކާރު ވައްޓާލުމަށް. ސަރުކާރު ބަދަލު ކުރުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަދަލު ކުރަން ބޭނުންވާނަމަ ޤާނޫނީ އިމުގެ ތެރެއިން އެކަން ކުރުމަށް ގޮވާލާ ކަމަށެވެ. ކޮންމެ ފަސް އަހަރަކުން ޤާނޫނީ ހަމަތަކުގެ މަތިން ވޯޓު ލައިގެން ވެރިކަން ބަދަލު ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ތަރައްގީ ގެނައުމުގެ ގޮތުން ބުރިޖާއި މަގު ހެދިޔަސް އަދި އިމާރާތްތައް ހެދި ނަމަވެސް ހަގީގީ ތަރައްގީ ގެނެވޭނީ ސިޔާސީ ހަމަޖެހުން ގައުމަށް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ މިގައުމު އަބަދުވެސް ކޮންމެވެސް ތަޅާފޮޅުންގަނޑެއްގައި ނުވަތަ ހަމަނުޖެހުން ތަކެއްގައި ބާއްވައިގެން ސިޔާސީ މަންފާ ހޯދަން ކަމަށް ރައީސް ވިދާޅުވިއެވެ.