ޔާމީންގެ ސުވާލެއް ރައީސް މުއިއްޒަށް: އަބްދުއްރަހީމް އަޅުގަނޑުގެ އަންހެނުންނަށް ފުރައްސާރަ ކުރިކަން ނޭނގޭތޯ؟

ޔާމީންގެ ސުވާލެއް ރައީސް މުއިއްޒަށް: އަބްދުއްރަހީމް އަޅުގަނޑުގެ އަންހެނުންނަށް ފުރައްސާރަ ކުރިކަން ނޭނގޭތޯ؟

އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ފުރައްސާރަ ކުރެއްވިކަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް މުއިއްޒާ، ސުވާލު ކުރައްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެއްވެސް މީހަކަށް ފުރައްސާރަ ނުކުރައްވާނެ ކަމަށާއި އެއްވެސް މީހަކާބެހޭ ޒާތީ ވާހަކައެއް ދައްކަން ބޭނުންފުޅުނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެފަދަ ކަންކަން ނުކުރުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އަންގާފައިވާނެ ކަމަށް ރައީސް މުއިއްޒު، ވިދާޅުވެފައި ވާކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައީސް މުއިއްޒަށް އެނގިވަަޑައިނުގަންވާތޯ އަބްދުއްރަހީމް އަޅުގަނޑުގެ އަނބިކަނބަލުންގެ ވާހަކަ ދައްކައި ފުރައްސާރަ ކުރިކަން. މިއީ ރައީސް މުއިއްޒަށް ނޭނގި ހިނގާނެ ކަންކަމެއް ނޫން. މިކަން އެނގޭނެ ރައީސް މުއިއްޒަށް. ކީއްވެ އެކަމާ އެއްޗެއް ވިދާޅުވެނުވެ ރައީސް މުއިއްޒު އެ ހުންނެވީ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލަށް ލާފައި ވަނީ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވުމުން ކަމަށާއި ވަކި މީހެއްގެ ފިރިކަލުންނަށް ވުމުގެ ސަބަބުން ނޫން ކަމަށެވެ. އެހެން ކަމުން، އަނބިކަނބަލުން މުޒާހަރާއަށް ވަޑައިގަންނަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ އޮފީހުގައި ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، ޔާމީންއަށް އިޚްލާސްތެރިންގެ ވާހަކަ ދައްކާއިރު އެ ބޭފުޅުން ތިއްބެވީ މިއަދު އޮތް ސަރުކާރުގައި ކަމަށެވެ. އަދި އެގޮތަށް ބުނަން ކެރެނީ އެކަން ދެކެ ތަޖުރިބާކޮށްފައި ވާތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން އެ ބޭފުޅުން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރެއްވި މީހުން ދެކެފައިވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް ހައްޔަރު ކުރުމުން އެ ބޭބޭފުޅުންގެ އަނބިކަނބަލުން މުޒާހަރާ ތަކަށް ނުކުމެވަޑައިގެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީން އެ ހުރިހާ ދުވަހު ޖަލުގައި އޮތްއިރު މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒެއިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންތޯ؟" އަބްދުއްރަޙީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *