ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހއ. ހޯރަފުށީ ކައުންސިލުން ދަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުން ކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ މެޖޯރިޓީ މިވަގުތު އޮތް ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ޤާނޫނުން އެ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީ ގަޑި އަދި ނުރަސްމީ ގަޑީގައިވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓްގެ ކެޕްމެއިން ކޮށްދިނުމަށް ކަމަށެވެ.
މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓާ ދެކޮޅަށް ހޯރަފުށި ކައުންސިލުން ދަނީ އެންޓި ކެމްޕެއިން ކުރަމުން ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ. ސަރުކާރު ކެންޑިޑޭޓާ އެންޓި ކެމްޕެއިން ކުރުމަށް ހޯރަފުށި ކައުންސިލުން ދަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުން ކަމަށްވެސް ޕީއެންސީން ބުނެއެވެ. އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައް ވެސް ބޭނުން ކުރަމުންދާ ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އިންތިޚާބާއި ދިމާކޮށް ގޯތި ދޫކުރުމާއި ދޫކޮށްފައިވާ ގޯތިތައް ބޮޑު ކުރުމުގެ މަސައްކަތް ހޯރަފުށި ކައުންސިލުން ކުރަމުންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.