ދިވެހި ގައުމިއްޔަތާބެހޭ ކޮލެޖަކާއި ދިވެހި ޗާޕުޚާނާއެއް ވަރަށް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިތޯބުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ދިވެހި ބަހުން ވިސްނާ ޖީލު ތަކެއް ބިނާ ކުރުމަށް ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ދިވެހި ބަހުން ދޫ ހިނގާ، ގަލަން ހިނގާ ޒުވާނުން ތަކެއް އުފެއްދުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ޒަމާނީ އިލްމީ ދިރާސާ ތަކުގައިވާ ގޮތުން މާދަރީ ބަހަށް މޮޅު ކުދިން އެހެން ބަސް ތަކަށް މޮޅު ކަމަށާއި މާދަރީ ބަހުން ވިސްނައި ފިކުރު ކުރަން ދަސްވުމުން އެހެން ބަަސްބަހާއި އިލްމު ތަކަށް ލޯ ހުޅުވޭލެއް ފަސޭހަ ވެގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ފަށާފައިވާ ދިވެހި ގައުމިއްޔަތު އިއާދަ ކުރުމުގެ ޤައުމީ ނިޒާމުގެ ބޭނުމަކީ އެ މަގުސަދުތައް ހާސިލު ކުރުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ގާއިމު ކުރެވުނު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން، ޒުވާނުންނާއި އާންމު އެންމެހާ ފަރާތްތަކަށް މި ފުރުސަތުތައް ފަހި ވެގެންދާނެއެވެ. ދިވެހި ތަރައިގެ ކޮލެޖު ނުވަތަ ދިވެހި ގައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެއެވެ. އެ ކޮލެޖު ނުވަތަ އިސްވަރު އުފެދުމާއެކު މުޅި ރާއްޖެ ބައިވެރިވާ ގައުމީ ތަރިކަތަކާއި ބަހާތަކާ މެދު އިލްމީ ގޮތެއްގައި ފިކުރު ކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެއެވެ. ހަމަ އެއާއެކު ދިވެހި ގައުމީ ޗާޕުޚާނާ މި އުފައްދަނީއެވެ. މި ޗާޕުޚާނާ އުފަން ވުމާއެކު ދިވެހި ބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި އެ ނޫންވެސް ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމު ވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހި ބަހުގެ ދުވަހަކީ ގައުމުގެ ހުރިހާ ދާއިރާ އަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަސް ކަމަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވުމުގެ އިތުރުން ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަޒުމު ކަނޑައަޅަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމިއްޔަތު މާއްދާގެ ފިލާވަޅު ތަކުން ކިޔަވާ ކުދިންނަށް ހެޔޮ އަސަރުތަކެއް ފޯރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޮފީސް ތަކާއި ހަބަރު ފަތުރާ ވަސީލަތް ތަކާއި، ތައުލީމާއި، މުއާމަލާތުގެ ހުރިހައި ދާއިރާ އަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ގޮވާލާކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ދުއާއަކީ ދިވެހި ބަހަށް އާރޯކަން ލިބުމާއި ދިވެހި ވަންތަ ކަމަށާއި ދިވެހި ގައުމަށް ދިރުން އައުން ކަމަށެވެ. ދިވެއްސަކަށް ވީތީ ފަހުރުވެރި ވުމުގެ ރޫޙު، ދިވެހި ކޮންމެ ދަރިޔެއްގެ ހިތުގެ އެންމެ ފުނުގައި ގާއިމު ވެގެން ދިޔުންކަމަށް ރައީސް ވިދާޅުވިއެވެ.