ބޮލީވުޑްގެ އެކްޓަރު ރާޖްޕާލް 3 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ބޮލީވުޑްގެ އެކްޓަރު ރާޖްޕާލް 3 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ޗެކް ބައުންސްވި މައްސަލަތަކަކާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް 3 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ދިއްލީ ހައިކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2010 ވަނަ އަހަރު ރާޖްޕާލް ޔާދަވް އަމިއްލައަށް ޑައިރެކްޓްކޮށް އުފެއްދި ފިލްމު "އަޓާ ޕަޓާ ލާޕަޓާ" އުފެއްދުމަށްޓަކައި 'މުރަލީ ޕްރޮޖެކްޓްސް' ނަމަކަށް ކިޔާ ކުންފުންޏަކުން ނެގި 5 ކްރޯޑް ރުޕީސްގެ ލޯނަކާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބުވުމާ ގުޅިގެން ލޯނު ދެއްކުމުގައި މައްސަލަތަކެއް ކުރިމަތިވެ، އިންޓްރެސްޓާއެކު މިހާރު އެ އަދަދު ވަނީ 9 ކްރޯޑް ރުޕީސްއަށް އަރާފައެވެ.
ދިއްލީ ހައިކޯޓުގެ ޖަސްޓިސް ސުވަރްނާ ކާންތާ ޝަރްމާ ވަނީ ރާޖްޕާލްގެ މައްޗަށް ސާބިތުވި 7 މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައި 3 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މި ހުކުމްތައް ހިންގާނީ އެއްފަހަރާއެވެ.
މީގެ އިތުރުން ކޮންމެ މައްސަލައެއްގައި ޝަކުވާ ހުށަހެޅި ފަރާތަށް 1.05 ކްރޯޑް ރުޕީސް ދެއްކުމަށާއި، އޭނާގެ އަންހެނުން ރާދާގެ މައްޗަށް މައްސަލައަކަށް 5.51 ކްރޯޑް ރުޕީސް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓުގެ ހުކުމަށް އަމަލުކުރުމަށް ނުވަތަ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ކޯޓުން ވަނީ ރާޖްޕާލްއަށް 2 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި، ފައިސާ ދައްކާނެ ކަމަށް ބުނެ ކޯޓަށް އެކި ފަހަރު މަތިން ދީފައިވާ ވައުދުތަކާ އޭނާ ވަނީ ހިލާފުވެފައެވެ. އަދި ކޯޓުގެ އަމުރުތަކަށް ތަކުރާރުކޮށް އިހުތިރާމް ނުކުރުމުގެ ސަބަބުން، އޭނާއަށް ލުޔެއް ދިނުމަށް ކޯޓުން ވަނީ ދެކޮޅު ހަދާފައެވެ.

މިއަހަރުގެ ކުރީކޮޅުވެސް ކޯޓުގެ ސުންގަޑިއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ރާޖްޕާލް ވަނީ ތިހާރު ޖަލުގައި އަމިއްލައަށް އެދިގެން ބަންދުވެފައެވެ. ނަމަވެސް ފަހުން ބައެއް ފައިސާ ކޯޓަށް ދެއްކުމުން ވަގުތީ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލެވުނެވެ.

މި މައްސަލައާ ގުޅިގެން ރާޖްޕާލް މީގެ ކުރިން ބުނެފައިވަނީ މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އުސޫލީ މައްސަލައެއް ކަމަށެވެ. ނަމަވެސް ކޯޓުގެ ފަހުގެ ނިންމުމާއެކު އޭނާއަށް މިހާރު އޮތީ ފައިސާ ދެއްކުން ނުވަތަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *