އިންޑިއާގެ މަދްޔަ އަލްޕްރަދޭޝްގެ ބިއޯރާ އަވަށުގައި އުޅޭ އުމުރުން 21 އަހަރުގެ ސައިންސް ދަރިވަރެއް ކަމަށްވާ ސުރެންދުރަ ސިންގް ޗޯދަރީ (އޮންލައިންކޮށް މަޝްހޫރު ނަމުން ނަމަ "ބިއްޓޫ ތަބާހީ") ވަނީ އެ އަވަށުގައި އޮންނަ އަޖްނާރު ކޯރު ސާފުކުރުމުގެ ބުރަ މަސައްކަތެއް އެކަނިމާއެކަނި ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މިއަހަރުގެ ޖަނަވަރީ މަހު ސުރެންދުރަ މި މަސައްކަތް ފެށީ ކުދިކުދި އާލާތްތަކާއި އޭނާގެ އަމިއްލަ ދެއަތް ބޭނުންކޮށްގެންނެވެ. ފުރަތަމަކޮޅު ރައްޓެހިންގެ އެހީތެރިކަން ލިބުނު ނަމަވެސް، ފަހުން އެހެން މީހުން އެކަން ހުއްޓާލުމުންވެސް ސުރެންދުރަ އުއްމީދު ކަނޑައެއް ނުލައެވެ.
ސުރެންދުރަ ވަނީ އަމިއްލަ ޖީބުން ގާތްގަނޑަކަށް 30،000 އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 360 ޑޮލަރު) ޚަރަދުކޮށްގެން ކުނިއަޅާ ވަށިތަކާއި ސާފުކުރާ ސާމާނު ހޯދާފައެވެ. ފީނަން ނުދަންނަ އަދި ރައްކާތެރިކަމުގެ ޚާއްޞަ އާލާތްތަކެއް ނެތި ސާފުކުރުމުގެ ތެރޭގައި ސުރެންދުރައަށް ސާމާނުތަކުގެ ސަބަބުންނާއި ނުސާފުވަޔާ ކިލާފެނުގެ ސަބަބުން ހަމުގެ އިންފެކްޝަންތައް ޖެހި، އަތްފައިގެ ހަން ނޮޅުންފަދަ ސިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހުނެވެ.
ފުރަތަމަކޮޅު ގޭމީހުންނަށް ސިއްރުން ކްރިކެޓް ކުޅެންދާ ކަމަށް ބުނެ ގޮސް އޭނާ ވަގުތު ހޭދަކުރީ ކޯރުގައި ހުރި ޕްލާސްޓިކާއި ކުނިތައް ނެގުމުގައެވެ. ސުރެންދުރަ ކޯރު ސާފުކުރުމުގެ ކުރިންނާއި ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުމާއެކު، ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ.
އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އާނަންދު މަހިންދުރާ ވަނީ ސުރެންދުރަގެ މަސައްކަތަށް ސޯޝަލް މީޑިއާގައި ތައުރީފުކޮށް، އޭނާއަކީ "މަންޑޭ މޯޓިވޭޝަން" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންގްލޭންޑްގެ ކުރީގެ ކްރިކެޓް ކެޕްޓަން ކެވިން ޕީޓަސަން ވަނީ ސުރެންދުރައަކީ "ބަޠަލެއް" ކަމަށާއި ބައިނަލްއަޤްވާމީ ފެންވަރުގެ ޝަރަފު އޭނާއަށް ހައްޤުވާކަމަށް ބުނެފައެވެ.
ކަނޑުތައް ސާފުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ "ދަ އޯޝަން ކްލީނަޕް" ގެ ސީއީއޯ ބޯޔަން ސުލާޓް ވަނީ ސުރެންދުރައަށް އޭނާގެ ޖަމްޢިއްޔާއިން ވަޒީފާގެ ފުރުޞަތު ހުށަހަޅާފައެވެ. މަދްޔަ އަލްޕްރަދޭޝްގެ ޗީފް މިނިސްޓަރު މޯހަންދަވް ވަނީ ސުރެންދުރައާ ބައްދަލުކުރައްވައި އޭނާގެ ޤައުމީ ޚިދުމަތަށް ތައުރީފު ކުރައްވާފައެވެ.
ސުރެންދުރަގެ މަސައްކަތާއެކު މިހާރު ކައުންސިލުން ވަނީ ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ކޯރުގެ ބާކީބައި ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، ސުރެންދުރަ ފާހަގަކުރާ ގޮތުގައި މީހުން ކޯރަށް ކުނިއެޅުން ނުހުއްޓުވޭނަމަ މިއީ ދާއިމީ ހައްލެއް ނޫނެވެ. އަދި އަވަށުގެ ބޮޑެތި ޑްރެއިންތަކުން ނުސާފު ފެން ކޯރަށް އެޅެމުންދާތީ، އެކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަށް އޭނާ އެދެއެވެ.






