ކެނެޑާގައި ބަންދުކޮށްފައި ތިބި ބޮޑު މަސް ތަކުގެ ތެރެއިން 6 މަސް އެމެރިކާއަށް ގެންގޮސްފި

ކެނެޑާގައި ބަންދުކޮށްފައި ތިބި ބޮޑު މަސް ތަކުގެ ތެރެއިން 6 މަސް އެމެރިކާއަށް ގެންގޮސްފި

ކެނެޑާގެ ނަޔާގަރާ ފޯލްސްގައި ހުންނަ އަދި ގިނަ ބަހުސްތަކެއް އުފެދިފައިވާ "މެރިންލޭންޑް" ތީމް ޕާކުގައި ބަންދުކޮށްފައި ތިބި ބެލޫގާ ބޮޑުމަސްތަކުގެ ތެރެއިން 6 މަހެއް އެމެރިކާގެ އެކުއޭރިއަމްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިއީ އެ ތަނުގައި މި މަސްތައް ގެންގުޅެމުންދިޔަ ނިކަމެތި ޙާލަތާމެދު އުފެދުނު ބޮޑެތި މައްސަލަތަކަށްފަހު އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަސްތައް ބަދަލުކުރުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން، ޚާއްޞަ ކާގޯ ފްލައިޓްތަކެއްގައި 6 ބެލޫގާ ބޮޑުމަސް ވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

1960 ގެ އަހަރުތަކުން ފެށިގެން ހިންގަމުން އައި މެރިންލޭންޑް 2024 ވަނަ އަހަރު އާންމުންނަށް ބަންދުކޮށްފައިވާއިރު، އެ ތަނަކީ ދުނިޔޭގައި އެންމެ ގިނައިން ބޮޑުމަސް ބަންދުކޮށްގެން ގެންގުޅުނު އެއް ތަނެވެ. ނަމަވެސް، އެ ތަނުގައި ތަކެތި ގެންގުޅޭ ނިކަމެތި ޙާލަތުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. 2019 ވަނަ އަހަރުން ފެށިގެން އެ ތަނުގައި ތިބި 19 ބެލޫގާ ބޮޑުމަހާއި 1 އޯކާ ހިމެނޭހެން 20 މަސް ވަނީ މަރުވެފައެވެ.

ކެނެޑާ ސަރުކާރުން 2019 ގައި ފާސްކުރި ޤާނޫނަކުން ޑޮލްފިން އަދި ބޮޑުމަސް ގަނެވިއްކުމާއި، ބަންދުކޮށްގެން ގެންގުޅުމާއި، އާލާކުރުން މަނާކުރުމާ ގުޅިގެން މެރިންލޭންޑަށް ބޮޑެތި މާލީ ދަތިތަކެއް ކުރިމަތިވިއެވެ. މެރިންލޭންޑުން މި މަސްތައް ޗައިނާގެ ތީމްޕާކަކަށް ވިއްކާލަން ކުރި މަސައްކަތަށް ކެނެޑާ ސަރުކާރުން ހުރަސްއެޅުމުން، އޮކްޓޫބަރު 2025 ގައި މެރިންލޭންޑުން ވަނީ ސަރުކާރުން މާލީ އެހީނުވެއްޖެނަމަ އެ ތަނުގައި ތިބި 30 ބެލޫގާ ބޮޑުމަސް މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި މައްސަލައިގައި ކެނެޑާ ސަރުކާރާއި މެރިންލޭންޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ ތަނުގައި ތިބި ބޮޑުމަސްތައް އެމެރިކާ އަދި ސްޕެއިންގެ އެކުއޭރިއަމްތަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މެރިންލޭންޑްގައި އަދިވެސް 24 ބެލޫގާ ބޮޑުމަހާއި 2 ޑޮލްފިން އެބަތިއްބެވެ.

ޖަނަވާރުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ މި މަސްތައް މެރިންލޭންޑުން ސަލާމަތްވުމުން ހިތްހަމަޖެހުން އޮތްކަން ފާހަގަކޮށްފައެވެ. ނަމަވެސް، އެ މަސްތައް ގެންދާ އާ އެކުއޭރިއަމްތަކުގައިވެސް އެ ތަކެތި އުފެއްދުމަށް ނުވަތަ ކުޅިވަރު ޝޯތަކުގައި ބޭނުންނުކުރުމުގެ ކަށަވަރުކަން ދިނުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *